ޚަބަރު

42 ކިލޯ ޑްރަގު މައްސަލަ 241 ކޮމެޓީއަށް ހުށަހަޅަނީ


މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތައް ބެލުމަށް މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމެޓީއަށް ހުށަހަޅުއްވާނެކަަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ހޯދާފައިވަނީ މާޗް މަހުގެ 22ވަނަ ދުވަހުއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އަޙްމަދު ޙުސައިން (39އ) އާއި ކ.މާލެ، މ.ނޫރުއް، ޢަބްދުﷲ ނަޝީދު (46އ)އެވެ.

މިދެމީހުން ކޯޓުން ދޫކޮށްލުމުން އެ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. ޕީޖީ އޮފީހުން މިމައްސަލާގައި ދައުވާ ނުކުރަން ނިންމި ސަބުތަކުގެ ތެރޭގައި ފުލުހުންގެ ގިނަ އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ 241 ކޮމެޓީއަށް ހުށައަޅަން ނިިންމީ ޕީޖީ އޮފީހުން ތުހުމަތުކުރާ ކަންކަން ބެލުމަށްކަމަށް ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްކަމަށް އުޝާމް ވިދާޅުވިއެވެ.

މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން ވިދާޅުވީ މ.ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބި އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ. ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ.ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.