ޚަބަރު

ޒީރޯ ޕްލާސްޓިކް: އިޤްތިޞާދު ހިމާޔަތް ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް


އ.ދ.ގެ ޢާންމު މަޖިލީހުގެ 74ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޮރ ދަ އޯޝަންސް އާއި ދިވެހިރާއްޖެ އާއި ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުގެ އަމާޒަކީ 2023ވަނަ އަހަރުގެ ނިޔަލަށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައި ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

މި އަމާޒަށް ވާޞިލްވުމުގެ ގޮތުން ވެރިކަމުގެ އެންމެ ކުރީކޮޅުން ފެށިގެންވެސް ޕްރޮގްރާމްތައް ހިންގަން ފެށިއެވެ. އެގޮތުން ސްކޫލްތަކާއި އޮފީސްތަކުގައިވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ބޭނުން ކުރުން ހުއްޓާލައި ޤައުމީ ފެންވަރުގައި ކެމްޕެއިންތައް ފެށިއެވެ. ރައީސް އޮފީހުން ފެށިގެން އެންމެ އާދައިގެ އޮފީހުގައިވެސް މިތަކެތި ބޭނުން ކުރުން ހުއްޓާލާއި ތިމާވެއްޓާ ރަށްޓެހި ސާމާނު ބޭނުން ކުރަން ފެށިއެވެ. ޚާއްސަކޮށް އޮފީސްތަކަށާއި ސްކޫލްތަކަށް ގެންދާ ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި އެ އޮފީހަކުން މުވައްޒަފުންނަށް، ސްކޫލްތަކުން ދަރިވަރުންނަށް ދޭން ފެށިއެވެ. މި ނޫނަސް ތިމާވެއްޓަށް ހޭލުން ތެރިކުރުމުގެ ގޮތުން އެކި ކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

"ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބޭނުން ކުރުން ހުއްޓާލުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 17 ވަނަ އިޞްލާޙުގެނައެވެ. އަދި މިޤާނޫނުގެ ދަށުން އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގަން ނިންމިއެވެ. އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 އިންސައްތައިގެ ޑިއުޓީއެއް ނަގާނެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕްލާސްޓިކް ބޭނުންކުރުމާއި ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ޚާއްސަގޮތެއްގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސް ކަނޑައެޅުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެބާވަތްތައް ކަނޑައަޅުއްވާފައި ވަނީ، 2020 ޑިސެންބަރު 22 ވަނަ ދުވަހު އެ މަނިކުފާނު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާ ކުރުމަށް ކަނޑައެޅުއްވިއެވެ. އެހެންނަމަވެސް މި ބާވަތްތައް މަނާ ކުރުން ކަނޑައަޅާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުރަތަމަ މަރުހަލާގައި 8 ބާވަތެއް އެތެރެ ކުރުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓަރޮފޯމް ފޮށި އެތެރެކުރުމާއި ބޭނުން ކުރުމަކީ މިހާރު މަނާކަމެކެވެ.

އަދި ބާޒާރު ކުރަން ބޭނުންކުރާ 30 ސެންޓި މީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅާއި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތައްޓަކީވެސް މިހާރު މަނާތަކެއްޗެވެ. އާއްމު ގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރާއި 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް އެތެރެކޮށް ބާޒާރަށް ނެރުމަކީވެސް މަނާކަމެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އުފައްދާ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައް މިހާރު މަނާ ނުކުރި ނަމަވެސް މިތަކެތި ބާޒާރައް ނެރުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަނާކުރާނެއެވެ. އެގޮތުން ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅިއާއި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައްވެސް މަނާ ކުރާނެއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އުފެއްދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މިތަކެތި ބާޒާރަށް ނެރުން މަނާ ވާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި އެކުލަވާލާފައިވާ ފޭސްއައުޓް ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި ވަކި ސިޔާސަތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުމާ ބެހޭ ސިޔާސަތާއި އިމްޕޯޓް ޑިޔުޓީއާއި، ޓެކްސް ނެގުމާއި، ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން (އިންސެންޓިވްސް) ދިނުމުގެ ސިޔާސަތު ހިމެނެއެވެ. އަދި ކުންޏާއި ބެހޭ ތަފާސް ހިސާބު ޤައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުމާއި ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާ، (އީޕީއާރް)ގެ ދަށުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ޤާނޫނު ފާސްކުރެވިގެންދާނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި، ބޭނުންކުރެވޭނެ ތިމާވެއްޓާރައްޓެހި ބާވަތްތައް ތަޢާރަފްކުރާނެއެވެ. މި ސިޔާސަތުގެ ދަށުން އުނގަންނައި ދިނުމާއި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ އިތުރުކުރުމާއެކު ތިމާވެއްޓާ ރައްޓެހިތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރުމަށްވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައިވާނެއެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކޮށް، މިތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާއި ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދަނެގަނެ، އިންސެންޓިވައިޒޭޝަން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ގުޅުންހުރި ފަރާތްތަކާއެކު ކުރުމަށްވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި މަނާކުރެވުނު ނަމަވެސް، ކުދި ވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމުގެ އިތުރުން، މިތަކެތި ރާއްޖެއަށް އެތެރެކުރުންވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 07 ވަނަ މާއްދާގެ ދަށުން ޖުމްލަ 09 ބާވަތެއް، 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާ ކޮށްފައެވެ.

ސަރުކާރުގެ ޒީރޯ ޕްލާސްޓިކް އަމާޒަށް ވާޞިލްވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު އާންމުންގެ ޒިންމާ މިކަމުގައި ވަރަށް ބޮޑެވެ. އެގޮތުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެން ބޭނުންކުރާ ޕްލާސްޓިކް ފުޅިއާއި ކޮތަޅުފަދަތަކެތި ރަށުގެ އެތަން މިތަނަށް އުކާލުމުގެ ބަދަލުގައި އެފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ.

ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތް ރަށްރަށުގައިވެސް ކުނި އުކާލުމަށް ނުވަތަ ޖަމާކުރުމަށް ހާއްޞަކުރެވިފައިވާ ތަނަށް އެތަކެތި އުކާލުމަކީ ފަރުދީ ޒިންމާ އަދާކުރުމަށް ކުރެވިދާނެކަމެކެވެ.

ޕްލާސްޓިކަކީ ތިމާވެއްޓަށާއި ހަށިގަނޑަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗަކަށްވާއިރު އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާ ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ފަރުދީ ޒިންމާ އަދާކުރަމާ ހިނގާށެވެ.