ދުނިޔޭގެ ވިޔަފާރި

އެކްސްޕޯޓްކުރާ މިންވަރު އިތުރުވާނެކަމަށް ދެކުނު ކޮރެއާއިން ލަފާކޮށްފި


ދެކުނު ކޮރެއާއިން މިމަހު އެކްސްޕޯޓްކުރާ މިންވަރު އިތުރުވާނެކަމަށް އެ ޤައުމުން ލަފާކޮށްފިއެވެ.

އެކްސްޕޯޓްކުރާ މިންވަރު އިތުރުވިނަމަވެސް ދެކުނު ކޮރެއާގެ އިންފްލޭޝަން ރޭޓް ވަނީ މަތިވެފައެވެ. ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ އިންފްލޭޝަން ރޭޓު ވަނީ 5 އިންސައްތައަށް އަރާފައެވެ.

މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު މި މަހުގެ އައުޓްބައުންޑް ޝިޕްމެންޓް ވަނީ 19.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެއިތުރުން ޗައިނާގައި އޮތް ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެކުނު ކޮރެއާގެ އިޤްޠިޞާދަށް އަސަރުކޮށްފައިވީނަމަވެސް އެ ޤައުމުން ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ.

މި މަހުގެ ފުރަތަމަ 20 ދުވަހު ދެކުނު ކޮރެއާއިން ޗައިނާއަށް އެކްސްޕޯޓްކޮށްފައިވާ މިންވަރަކީ 6.8 އިންސައްތައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އެކްސްޕޯޓްކުރާ މިންވަރަށްވުރެ އިމްޕޯޓްކުރާ މިންވަރު ދެކުނު ކޮރެއާގައި ވަނީ މަތިވެފައެވެ. އެ ޤައުމުން އިމްޕޯޓްކުރާ މިންވަރު ވަނީ 31.9 އިންސައްތައަށް އިތުރުވެފައެވެ.