ކުޅިވަރު

މި މަންޒަރުން ވޮލީ އެހެން މިސްރާބަކަށް ދާނެކަން ޔަގީންވެއްޖެ: ނައިބު ރައީސް


ވޮލީބޯޅައިގެ އައު ސީޒަނާއެކު ފެނިގެންދާނީ ރާއްޖޭގެ ވޮލީބޯޅަ އެހެން މިސްރާބަކަށް ދަތުރުކުރަން ފަށާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވޮލީ ސީޒަންގެ ފިރިހެން ޑިވިޝަނުގެ މުބާރާތްތައް ފެށުމުގެ ކުރިން ބުދަ ދުވަހުގެރޭ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، އައު ބަދަލާއެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބިދޭސީ ކުޅުންތެރިންނާއެކު ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ވެގެންދިޔުން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ބިދޭސީ ކުޅުންތެރިންނާއެކު، ރާއްޖޭން ވޮލީގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އައު ބަދަލާއެކު އެ ލަނޑުދަނޑި ހާސިލުކުރަން ކުރަން ޖެހޭ މަސައްކަތް ފެށީގެންދާނެ ކަމުގައެވެ.

ނައިބުރައީސް އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭން ބޭރުގެ ޓީމުތަކާއި ވާދަކޮށް ކާމިޔާބު ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައެވެ.

ވޮލީ އައު ސީޒަން މި މަހު ފަށާއިރު، ޑްރާފްޓް ނައިޓްގައި ވަނީ ވީއޭއެމުން އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލުގައި ހިމެނޭ ކުޅުންތެރިން ޓީމުތަކަށް ބަހައިފައެވެ. އެގޮތުން މި ސީޒަނުގައި ކޮންމެ ކުލަބަކަށްވެސް ތިން ބިދޭސީ ކުޅުންތެރިން ކުޅޭނެއެވެ. ވީއޭއެމުން ބުނީ މި ބަދަލާއެކު ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ޖައްސާލެވޭނެ ކަމަށާއި، މި ބަދަލުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ގައުމީ ޓީމަށް ކަމަށެވެ.