ކުޅިވަރު

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން އެމްއެންޔޫ އާއި މެޕްސްއަށް


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަރިވަރުންގެ ޔޫނިއަން (އައިޔޫއެމްއެސްޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ހޭންޑްބޯލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން ހޯދައިފިއެވެ.

ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއެންޔޫ އިން ހޯދީ ފައިނަލުގައި ކްލިކް ކޮލެޖު 10-14 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، އެ މެޗުވެސް އެމްއެންޔޫއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޔޫއިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މެޕްސްއިން ހޯދީ ފައިނަލުގައި އެމްއައި ކޮލެޖާ ވާދަކޮށް 12-09 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި މެޕްސްއިން ބަލިވެފައިވަނީ ގްރޫޕް ސްޓޭޖުގައި ވިލާ ކޮލެޖު އަތުން އެކަންޏެވެ.

މި މުބާރާތުގައި ޔުނިވާސިޓީ/ކޮލެޖް ތަކުން ހަތް ޓީމް އަދި ހައި ސްކޫލްތަކުން އެއް ޓީމު ބައިވެރިވި އެވެ. ޔުނިވާސިޓީ/ކޮލެޖްތަކުން ބައިވެރިވެފައިވާ ޓީމުތަކަކީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން، މެޕްސް ކޮލެޖް، ކްލިކް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި އެމްއައި ކޮލެޖެވެ.