ޚަބަރު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްޚަތަށާއި، ތިމާވެއްޓަށްވެސް ގެއްލުން ހުރިކަމެއް: ރައީސް


ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ތިމާވެށްޓަށްވެސް އޭގެ އެތައް ގެއްލުމެއް ފޯރާކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބު ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނާއި ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރުމަށް މިއަހަރު ހިންގާ ޙަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

ދުންފަތުގެ ބޭނުންކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ ގޮތުން ކުރާ އަސަރުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމާއި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކާއި ޞިއްޙީ މައްސަލަތަކުގައި، މުޅި ދުނިޔެއިން ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 8 މިލިއަން މީހުން މަރުވެއެވެ. ބިޑި، ސުއްޓާ، ސިނގިރެޓް ފަދަ ތަކެތި ބުއިމުން، ގެއްލުން ލިބެނީ އެތަކެތި ބޭނުންކުރާ މީހާއަށް އެކަންޏެއް ނޫނެވެ. ދުންފަތުގެ އިސްތިޢުމާލުކޮށްފައި ދޫކޮށްލާ ދުންގަނޑަކީ، ވަށައިގެންވާ މާޙައުލުގައި ހުރި ކޮންމެ މީހެއްގެ ޞިއްޙަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުކުރާ ހަމަ ކޮންމެ މީހަކު ވިސްނަންޖެހޭނެ ކަމެކެވެ.

"ކޯވިޑް-19ގެ ވަބާ ފެތުރެމުން ދިޔައިރުވެސް، އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވެ، ޙާލަތު އެންމެ ގޯސްވެގެން ދިޔައީ، ނޭވާލާ ނިޒާމު ބަލިކަށި މީހުންނާއި، ފުއްޕާމޭގެ ބަލިތައް ތަޙައްމަލުކުރަމުން ދިޔަ މީހުން. މިއީ ދާދިފަހުން އަޅުގަނޑުމެން ތަޖުރިބާކުރި ޙަޤީޤަތެއް." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ޞިއްޙަތަށާއި އަނެކުންގެ ޞިއްޙަތަށް، ގެއްލުންވާކަން ފާހަގަކުރައްވައި އެނގި ހުރެ އެހެން މީހެއްގެ ޞިއްޙަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.