ވިޔަފާރި

އިމާރާތްކުރުމުގެ ސިނާއަތުގެ ދުވެލި މަޑެއް ނުވޭ: މަސީ


އިމާރާތްކުރުމުގެ ސިނާއަތް ދަނީ މަޑުޖެހުމެއްނެތި، ކުރިއަރަމުންކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ވިދާޅުވެއްޖެއެވެ.

މަސީން މިހެން ވިދާޅުވީ، އެމްއެމްއޭއިން ނެރުނު ކުއާޓަރލީ ރިޕޯޓްގައި އިމާރާތްކުރުމުގެ ސިނާއަތް ނޫން އެހެން ސިނާއަތްތައް ކުރިއަރާފައިވާކަމަށް ބުނެފައިވާ ބުނުމަށް ރައްދެއްވައެވެ.

އެމްއެމްއޭއިން ކޮންމެ ތިންމަހަކުން އެއްފަހަރު ނެރޭ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓްގައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު އެހެން ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށް ބުނެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ، އެމްއެމްއޭގެ ރިޕޯޓްގައި އިމާރާތްކުރުމުގެ ސިނާއަތް ނޫން އެހެން ސިނާއަތްތައް ކުރިއަރާފައިވާކަމަށް ބުނެފައިވުމުގެ ސަބަބުން އެ ޖަމިއްޔާއިންވެސް އެކަމަށް ވަރަށް ހައިރާންވިކަމަށެވެ. އޭގެ ތަފްސީލްތައްވެސް ލިޔެފައި ހުރިކަން ފާހަގަކުރައްވައި އަދުނާން ވިދާޅުވީ އެގޮތަށް ލިޔެފައިވަނީ އިމްޕޯޓްގެ ދަތިތަކުގެ ސަބަބުންކަމަށެވެ.

އިމްޕޯޓް ކުރުމަށް މިދޭތެރެއިން ކޮންމެވެސް ވަރަކަށް ދަތިތަކެއް އައިކަން ފާހަގަކުރައްވައި އަދުނާނު ވިދާޅުވީ، މާލެއާއި ހުޅުމާލެއާއި އަދި އެހެނިހެން ސަރަހައްދުތަކުގައި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ހިނގާ މިންވަރު މަދުނުވާކަމަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން ދަށައް ހިނގައްޖެއޭ ބުނެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު ކޮންސްޓްރަކްޝަން މާލެތެރޭގައި ވަށައިގެން ހިނގާ ހިނގުމާއި، ހުޅުމާލޭގައި ހިނގާ މަސައްކަތްތަކާއި، މިއިން އެއްވެސް ކަމަކަށް ހުއްޓުމެއް ނާދޭ. އެހެންވީމަ އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން ދަށައް ހިނގައްޖެއޭ، ކޮންސްޓްރަކްޝަން ހުއްޓިއްޖެއޭ ނުވަތަ ކޮންސްޓްރަކްޝަން ނޫން އެހެން އިންޑަސްޓްރީތައް މާބޮޑަށް ކުރިއަށް އަރައިގެން ހިނގައްޖެއޭ އެހެން ބުނާވަރަށްވުރެ ކޮންސްޓްރަކްޝަންގެ ހާލަތު އޮތީ މާރަނގަޅަށް." އަދުނާނު ވިދާޅުވިއެވެ.

މި ދަތިތަކާއި އެކުގައިވެސް ކުންފުނިތަކުން ދިޔައީ އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތައް މެނޭޖްކުރަމުންކަމަށް އަދުނާން ވިދާޅުވިއެވެ. މަސީއަކީ އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގައި އުފައްދާފައިވާ މި ސިނާއަތުގެ ބެލެނިވެރި ކުންފުންޏެވެ. މަސީގެ ދަފްތަރުގައި އިމާރާތްކުރުމުގެ 350 ކުންފުނި ވަނީ ރަޖިސްޓްރީކޮށްފައެވެ.