ވިޔަފާރި

ހުޅުމާލޭ ފޭސް 2ގައި ބީއެމްއެލްގެ 2 އޭޓީއެމް ހުޅުވަނީ


ހުޅުމާލޭ ފޭސް2 ގައި މިއަހަރުގެ ތެރޭގައި 2 އޭޓީއެމް ހުޅުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި އެއްވަރަށް އެތަނަށް ބޭނުންވާ ޒަރޫރީ ޙިދުމަތްތައް ދަނީ މަޑުމަޑުން ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލްގެ އޭޓީއެމް ޙިދުމަތަކީވެސް ހުޅުމާލޭ ފޭސް2 އަށް މިވަގުތު ބޭނުންވާ ޒަރޫރީ ޙިދުމަތެކެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ، މިއަހަރު ބީއެމްއެލްއިން ރާއްޖޭގެ އެކި ހިސާބުތަކުގައި 20 އޭޓީއެމް މުޅިން އަލަށް ހުޅުވާނެކަމަށެވެ. މި 20 އޭޓީއެމްގެ ތެރެއިން 2 އޭޓީއެމް އަޅާނީ ހުޅުމާލޭ ފޭސް 2ގައި ކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.

"މިއަހަރުގެ ތެރޭގައި އިތުރު 20 އޭޓީއެމްއެއް އަޅުގަނޑުމެން އަޅާނަން. މީގެތެރެއިން 2 އޭޓީއެމް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް2 ގައި." ޓިމް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭންކިންގ ވިއުގަ ފުޅާކޮށް ބޭންކިންގ ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ޓީމުތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންކަމަށެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މީގެއިތުރުން 139 އޭޓީއެމް ޤާއިމްކޮށްފައިވެއެވެ. އަދި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.