ދުނިޔެ

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކުއްލި ޙާލަތު އިޢުލާންކޮށްފި


އެމެރިކާއަށް ކުރިމަތިވެފައިވާ ސްނޯގެ ވަރުގަދަ ޠޫފާނަކާއި ގުޅިގެން ވެރިރަށް ވޮޝިންޓަނާއި އެނޫންވެސް ބައެއް ސްޓޭޓްތަކުގައި އާންމު ޚިދްމަތްތައް ހުއްޓުމަކަށް އައިސް ކުއްލި ޙާލަތު އިޢްލާންކޮށްފިއެވެ.އެމެރިކާގެ މަސްޢޫލުވެރިން ވިދާޅުވީ ސްނޯގެ މިޠޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ސްޓޭޓްތަކަށް ކަމަށެވެ. މީގެތެރޭގައި ވެރިރަށް ވޮޝިންޓަން ޑީ.ސީ. އާއި ނިއުޔޯކްވެސް ހިމެނެއެވެ. ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ އެމް ކޫމޯ ވަނީ އެ ސްޓޭޓްގައިވެސް ކުއްލި ޙާލަތު އިޢްލާން ކުރައްވާފައެވެ. ސްނޯގެ ސަބަބުން އެއްގަމު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައިވާއިރު ވައިގެ އެތައްހާސް ދަތުރުތަކެއް ކެންސަލްކޮށްފައިވެއެވެ.ރިޕޯޓްތައް ބުނާގޮތުން ސްނޯގެ ތޫފާނާއި ގުޅިގެން 10 މީހުން މަރުވެ އެތައް ބަޔަކު ފިނީގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވެއެވެ. މަރުވި 10 މީހުންގެ ތެރެއިން 6 މީހުން މަރުވެފައިވަނީ އުތުރު ކެރޮލައިނާ ސްޓޭޓުންނެވެ. މީގެ އިތުރުން ކެންޓަކީއާއި ވާރޖީނިޔާއިންވެސް މީހުން މަރުވެފައިވެއެވެ.