މުނިފޫހިފިލުވުން

ކާރެއްގައި މަރާލި، ސިދޫގެ ފަހު ލަވައިގެ ނަމަކީވެސް "ލާސްޓް ރައިޑް"،


އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސް ގަޔަށް ބަޑި ޖަހާ މަރާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުން 30 ވުރެ ގިނަ ވަޒަން ވަނީ ނަގާފައެވެ. އޭނާ މަރާލީ އިތުރު ދެ ރައްޓެހިންނާއިއެކު ކާރުގައި އަމިއްލަ އަވަށަށް ދަތުރުކުރަނިކޮށެވެ.

މި ޚަބަރާއިއެކު އޭނާގެ ފޭނުންނަށާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ އެންމެންނަށް ލިބުނީ ޝޮކެކެވެ. މޫސް މަރާލާފައިވަނީ އޭނާގެ ދީފައިވާ ސެކިއުރިޓީގެ ޚިދުމަތް ހުއްޓާލިދުވަހުއެވެ. އެހެންނޫނީ އޭނާ ކައިރީ އަބަދުވެސް ދެ ހަށިފާރަވެރިން ތިބެއެވެ.

މޫސްގެ މަރުވުމުން އޭނާގެ ފޭނުން ވަނީ ހިތާމަފާޅުކޮށްފައެވެ. މިއާއިއެކު އޭނާގެ ފޭނުން ވަނީ މޫސް އެންމެ ފަހުން ކީ ލަވައިގެ މަތިން ހަނދާންކޮށްފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި އޭނާގެ އެންމެ ފަހު ލަވަޔަކީ "ދަ ލާސްޓް ރައިޑް" އެވެ. އަދި އޭނާ މި ލަވަ ކިޔާފައިވަނީ އެމެރިކާގެ ރެޕާ ޓޫޕެކް ޝުކޫރުގެ ހަނދާނުގައެވެ. ޓޫޕެކްވެސް ވަނީ 1996 ވަނަ އަހަރު އުމުރުން 25 އަހަރުގައި ކާރެއްގެ ތެރޭގައި މަރާލާފައެވެ.

ސިދޫ މުސް މަރާލި މައްސަލައިގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކެނެޑާއަށް ނިސްބަތްވާ ގޭންގްސްޓާ ގޯލްޑީ ބްރާރް އިއްޔެ ހަވީރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ސިދޫ މޫސް ވާލާ ގެ މަރާ ގުޅިގެން ޒިންމާ ނަގާފައެވެ.