ޚަބަރު

ފުރުޞަތު ލިބުނު މީހުންގެ ތެރެއިން ޙައްޖަށް ދާން ބޭނުންނުވާ މީހުން އެކަން އަންގަން އެދިއްޖެ


މިއަހަރު ރާއްޖެއިން ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ މީހުންގެ ތެރެއިން ޙައްޖަށް ދާން ބޭނުންނުވާ ފަރާތްތަކުން އެކަން މާދަމާގެ ކުރިން ޙައްޖު ކޯޕަރޭޝަނަށް އެންގުމަށް އެދިއްޖެއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުޞަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ. އަދި މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.

ޙައްޖަށް މީހުން ގެންދިޔުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނެރުނު އިޢުލާނެއްގައި ވިދާޅުވީ މިއަހަރު ޙައްޖަށް ދިއުމަށް އެ ކޯޕަރޭޝަނުން ޙައްޖު ދަޢުވަތު ފޮނުވާފައިވާ މީހުން ދަޢުވަތު ގަބޫލުކުރާކަން ނުވަތަ ނުކުރާކަން، ސޮއިކޮށްފައިވާ ޙައްޖު އޮފާރ ލެޓާރ މެދުވެރިކޮށް މާދަމާގެ ކުރިން އެ ކުންފުންޏަށް އަންގަން ވާނެކަމަށެވެ. އަދި ދަޢުވަތު ދެވިފައިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ގަބޫލުކުރާކަން ނާންގާ ފަރާތްތަކުގެ ޙައްޖު ޖާގަ އަންނަ އަހަރަށް ބަދަލުކުރަން ނިންމާފައިވާކަމަށްވެސް އެ ކޯޕަޜޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީޙުންގެ އިތުރަށް އާއްމުކޮށް ހުޅުވާލައިގެން ހޮވާ 100 މީޙުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިންގ ކިއޫ ތަރުތީބުން ޖާގަދިނުމަށް ވަނީ ނިންމާފައެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިގޮތުން މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި އަންނަ މަހުގެ 15އަށް އުމުރުން 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން ހިމެނޭކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މިކޯޓާގެ ދަށުން ކުރިމަތިލެވޭނީ އެކަކުގެ ކެޓަގަރީއާއި ދެ މީހުންގެ ކެޓަގަރީއަށެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ. ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ ދެބޭފުޅުންގެ ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނާއި ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ ފަރާތްތަކަށްކަމަށެވެ.

ޙައްޖަށް ދާން ބޭނުންވާ މީހުން ފޯމާއެކު ހުށައަޅާ ފަރާތުގެ އައިޑި ކާޑާއި ދެމަފިރިން އެކުގައި ފޯމު ހުށައަޅާނަމަ ކައިވެނީގެ ސެޓްފިކެޓް ހުށައަޅަން ޖެހެއެވެ. އަދި ބަލިހާލަތު ހުރިގޮތުން އެކުގައި ދާން އިތުރު ފަރާތެއް ހަމަޖައްސަން އެދޭނަމަ، އެކަނި އަޅުކަން އަދާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ 3 މަސް ނުވާ ޑޮކްޓަރުގެ ލިޔުން ހުށައަޅަން ޖެހެއެވެ. މީގެ އިތުރަށް މަޙްރަމަކާއެކު ފޯމް ހުށަހަޅާނަމަ މަޙްރަމެއްކަން އަންގައިދޭ ލިޔުމާއި ކޯވިޑް ވެކްސިން ކާޑުގެ ކޮޕީވެސް ފޯމާއެކު ހުށައަޅަން ޖެހެއެވެ.