ޚަބަރު

ގަމުގައި 100 ހައުސިން ޔުނިޓް ހަދަން ޙަވާލުކޮށްފި


ލ.ގަމުގައި 100 ހައުސިން ޔުނިޓް ޢިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަޞީމްއެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

މިއަހަރުގެ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 84 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރުދުވަހުން ނިންމާގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގަމުގައި އިމާރާތްކުރަނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާއަކާއި ސިޓިންރޫމާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީ އާއި ސްޓޯ ރޫމް ވެސް ހުންނަ ގޮތަށް އިމާރާތްކުރާ އެ ހައުސިން ޔުނިޓްތަކުގެ ސައިޒަކީ 1،000 އަކަފޫޓެވެ.

100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ވަނީ ހައުސިން ޔުންޓްތަކުގެ މަސްކަތް ނިންމުމަށް ދިން މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމުގެ ޔަޤީން ކަން މުއްދަތަށް މަޝްރޫއު ނިންމޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލިކޮށް، ޕާކެއް ހަދާނެއެވެ. އަދި އުޅަނދުފަހަރު ޕާކުކުރާނެ ތަނެއް ވެސް ހެދުމަށް ވަނީ ނިންމާފައެވެ.

ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 13 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމަށް ނިންމާ ބީލަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ބައެއް ރަށްރަށުގައި 30 ޔުނިޓް، 100 އަދި 400 ހައުސިން ޔުންޓްތައް އެޅުމަށް ނިންމަވާފައިވެއެވެ. ދަޢުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 1.5 ބިލިޔަން ރުފިޔާ ޚާއްސަކޮށްފައިވެއެވެ.