ޚަބަރު

ރައްޔިތުންގެ ޝަކުވާތައް ސީދާ ރައީސަށް، މަރުކަޒީ ބާރުވެރިކަން މާޒީއަށް


"ބުނެފާނެ، އެހެންވިއްޔާ މާލޭގައި ތިޔަ އަޅަނީ، ކޮންފަދަ ބިޔަ ބްރިޖެއްތޯ؟ ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ؟ ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވުމުން، ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތޭ." މިއީ މަރުކަޒީ އުސޫލުން ބާރުތައް ޖަމާވެ، މައި ސަރުކާރުގައި އޮތް ޒަމާންވީ ބާރުތައް ދޫކޮށްލުމަށްޓަކައި ލާމަރުކަޒީ އުސޫލުން ތަރައްޤީގެ މިސްރާބު އަމާޒު ހިފުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވާ ތަސައްވަރެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ކަންކަން ބައްޓަމުން ކުރަމުންއައިގޮތުން މާލެ ސަރަހައްދަށް ބަރޯސާ ވާންޖެހޭ މިންވަރު ބޮޑުވެ، ވެރިރަށުން ނޫނޫ އެއްވެސް ކަމެއް ޙާސިލް ކުރެވޭނެ ގޮތެއް އޮތީ ނުވެފައެވެ. ތައުލީމާއި، ބޭސްފަރުވާއާއި، މިނޫންވެސް އަސާސީ އެތައް ކަމެއްގައި މާލެ ނޫން ހައްލެއް މާޒީގައި ދެއްކިފައިނުވެއެވެ. މިކަންކަން ބަދަކޮށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގަކީ ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފުޅާކުރުންކަން މިއަދު ދިވެހިންނަށް މިދަނީ ތަޖުރިބާ ކުރެވެމުންނެވެ.

ވެރިކަމުގެ އާރާއި ބާރާއި، ޝަރަފަކީ ބާރުތައް މަރުކަޒީކޮށްގެން ހިފެހެއްޓުންކަމަށް ދެކުނު ދުވަސްތައްވެސް ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ. ވެރިކަމުގައި ހުންނަ ފަރާތަށް ބާރުތައް ދޫކޮށްލަން ކެރިދާނެކަމަށް މީގެ ކުރިން ދިވެހިންނަށް ގަބޫލު ކުރަންވެސް އުދަނގޫވިއެވެ. ސަބަބީ ނިމިދިޔަ ވެރިކަންތަކުގައި އެވައުދު އެތައް ފަހަރަކު ރައްޔިތުންކައިރީގައިވެ އަމަލީ ސިފައިން އައިސްފައި ނުވެއެވެ.

ލާމަރުކަޒީ ހަރުދަނާ ސިޔާސަތަކާއިއެކު ރާއްޖޭގެ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ފާއިތުވެދިޔަ އެއްވެސް ވެރިކަމެއްގައި ދޫކޮށްލަން ނުކެރުނު ބާރުތައް ދޫކޮށްލެއްވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމުގެ ކަމަރު ބެންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެމަނިކުފާނު ވަނީ ވެވަޑައިގެންނެވި ވައުދާއިއެއް ގޮތަށް ލާމަރުކަޒީ އުސޫލުން ރަށްތައް ދޫކުރަން ވައުދުވި ހުރިހާ ބާރެއް އަކުރުން އަކުރަށް ދޫކޮށްލާފައެވެ. އެބާރުވެރިކަން ދޫކޮށްލެއްވީ ޤާނޫނީ ބާރުވެރިކަމާވެސް އެކުގައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއިއެކު އިންތިޚާބުވީ ކައުންސިލަރުންގެ ނިމިދިޔަ އެއް އަހަރުގެ ޝަކުވާއާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވަޑައިގެންނެވީ ހުދުރު ރައީސުލްޖުމްހުރިއްޔާއެވެ. ޤާނޫނީ ގޮތުން ހުރި ދަތިތަކާއި އިދާރީ ދަތިތަކުގެ އެތައް ޝަކުވާއެއް ސީދާ ރައީސާއި ހަމައަށް ހުށަހެޅުމުގެ ފުރުސަތު ލިބުމުން ކައުންސިލްތަކުން ވަނީ އެތައްކަމެއް ރައީސަށް ހުށަޅާފައެވެ. އއ.އުކުޅަހުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސަކީ ޤާނޫނަށް ގެނެވެނު އިސްލާހުތަކާއިއެކު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭއްވުނު ކާމިޔާބު އަދި މުހިންމު ކޮންފަރެންސެއްގެ ގޮތުގައި ކައުންސިލަރުން ދެކެއެވެ.

ކައުންސިލްތަކުގެ އެންމެ ބޮޑު ޝަކކުވާއަކަށް މިވީ އެއް އަަހަރު އޮތީ ކައުންސިލްތަކުގެ އަތް ބަދެވިފައިވާ ލޭންޑްޔޫސް ޕްލޭނެވެ. މިކަމުގައި ލުއި ގޮތްތަކެއް ކައުންސިލްތަކަށް ހަމަޖައްސައި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ފަސޭހަ ގޮތް މިކޮންފަރެންސް ތެރެއިން ވަނީ ހަމަޖެހިފައެވެ. ބަޖެޓުން ބްލޮކް ގްރާންޓް ކަނޑައެޅިނަމަވެސް އެއީ ކައުންސިލްތަކުގެ ޒިންމާ އަދާކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާކަމަށް ކައުންސިލަރުން ވަނީ ރައީސަށް ހުށަހަޅާފައެވެ. މިހުށަހެޅުމަށް ރައީސް ދެއްކެވި ހައްލަކީ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ދިނުމެވެ.

މީގެ އިތުރުން މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭންވެސް އެމަނިކުފާނު ވަނީ ނިންމަވާފާއެވެ. ކައުންސިލްތަކަށް ދިމާވެފައިވާ އޮފީސް ޖާގައިގެ ދަތިކަމަށްވެސް ރައީސް ވަނީ ހައްލު ގެނެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދެވުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮފީސް ޢިމާރާތެއް ހެދުމުގެ ޕްލޭނަކަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލަރުންގެ މިފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު އެއްކަންބޮޑުވުމަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ދިމާވާ ގޮންޖެހުންތަކެެވެ. ބައެއް ކައުންސިލްތަކުގެ އެއްބާރުލުން އަންހެނުންގެ ކޮމެޓީތަކަށް ނުލިބުމާއި، ބަޖެޓުގެ ދަތިކަމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

"ޚާއްސަ ގޮތެއްގައި ލާމަރުކަޒުވުމުން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު އިންތިހާއަށް މުހިންމު. އެއީ އިދާރީ ހިންގުން ކަމުގައި ވިޔަސް. އަވަސް ޚިދުމަތް ދިނުންކަމުގައި ވިޔަސް. އިޖްތިމާއީ ރާއްކާތެރިކަމާއި މުޖުތަމައު ބަދަހިކަން ކަމުގައި ވިޔަސް. އަދި ޤާނޫނީ ވެރިކަން ނެގެހެއްޓުން ކަމުގައި ވިޔަސް ކަންއޮތް ގޮތް. ސަބަބަކީ ރައްޔިތުންނާއި އެންމެ ގާތުގައި ތަރުތީބުވެފައިވާ އިދާރީ ތަންފީޛީ ފަށަލައަކީ ކައުންސިލްތައް ކަމުގައިވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމުގެ އެންމެ ބޮޑު ތަސައްވަރަކީ، ތޮއްޖެހުން ކުޑަކޮށް، ބާރުތައް ދޫކޮށްލުމެވެ. ހަމަމިއާއިއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރެވެން އަންނަނީވެސް، މަރުކަޒީ ނިޒާމުން ނިކުމެ ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ބޮޑުކޮށްގެންނެވެ. މިގޮތުން ރާއްޖޭގެ މައި ބަނދަރު ފުރަމާލެއިން ބޭރުކޮށް، ގުޅީފަޅާ ހަމަޔަށް ފެޔަށް ނުޖައްސުމާއި، މާލޭގެ ރަށްވެހިންނަށް ޙައްޤުވާ ގޯތި ދިނުމަށް ހިންގާ ބިޔަ ބްރިޖުގެ މަޝްރޫޢުއަކީ ލާމަރުކަޒީ ސިޔާސަތެއްގެ އަސްލު ސިފަ ގެނެސްދޭނެ ހަރުދަނާ މަސައްކަތެކެވެެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޔާސަތާއި ތަސައްވަރަކީ، މާލެއިން ލިބޭ ޚިދުމަތް އަތޮޅު ތެރޭގެ ކޮންމެ ހިސާބަކުންވެސް ލިބޭނެ މަގު ފަހިކުރުމެވެ. އެކަން ކުރުމަށްޓަކައި، ބާރުތައް ދޫކޮށް، ރައްޔިތުންގެ ކަންކަން ނިންމުގެ ބާރު ރައްޔިތުންނަށް މިވަނީ ލިބިފައެވެ. ދައުލަތުގެ ވެރިޔަކު ރަށަކަށް ގޮސްގެން ނޫނީ ނިންމެން ނެތް އެތައްކަމެއް އަމިއްލަ ރަށުގެ ރައްޔިޔުންގެ މަޝްވަރާގެ މަތީން ނިންމުގެ ބާރު މިވަނީ ރަށްރަށުގެ ރައްޔިތުންނަށް ދީފައެވެ. މިއަދު މިއޮތީ ވާދަވެރި މާހައުލެއްގައި އެރަށަށްވުރެ އަނެއްރަށުގެ މުއްސަދިކަމާއި، ކުރިއެރުން ގެނައުމުގެ ފުރިހަމަ އިހުތިޔާރު އެރަށަަކަށް ލިބިދީފައެވެ.