ޚަބަރު

ޖެނުއަރީ 2017ގައި އޯޓިޒަމް ސެންޓަރުން ޚިދުމަތްދޭން ފެށޭނެ


އޯޓިޒަމް ހުންނަ ކުދިންނަށާއި ޓީޗަރުންނަށް ބޭނުންވާ އެންމެ ޒަމާނީ ޚިދުމަތްތަކާއެކު، އެއްއަހަރު ދުވަހުގެ ތެރޭގައި އޯޓިޒަމް ސެންޓަރެއް ޤާއިމް ކުރާނޭ ކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއަރ ޕާސަން އިލްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.އެކަމަނާ މިހެން ވިދާޅުވީ، އެ އެސޯސިއޭޝަންގެ ހަވަނަ އަހަރީ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.2010 ވަނަ އަހަރު ޖުމްލަ 4 ކުދިންނާއި، ދެޓީޗަރުންނާއެކު އޯޓިޒަމް އެސޯސިއޭޝަނުގެ ޚިދްމަތް ފެށިނަމަވެސް ފާއިތުވެދިޔަ 6 އަހަރުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ޚިދްމަތް ފުޅާކޮށް ފޯރުކޮށްދެމުންދެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެކި ބާވަތުގެ ފަރުވާއާއި ،ތައްލީމް ލިބިދިނުމުގައި މިހާރު އެ އެސޯސިއޭޝަނުގައި ތިރީސް ދެ ޓީޗަރުންނާއި، ތިން ޑޮކްޓަރުންނާއި، ލައިސަންސް އޯޓިޒަމް ސްޕެޝަލިސްޓަކު ޙަރަކާތްތެރިވެއެވެ.އޯޓިޒަމް އެސޯސިއޭޝަނުގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސޯސިއޭޝަންގެ ޗެއަރޕަރސަން އިލްހާމް ޙުސައިން ވިދާޅުވީ، ޚިދްމަތް ދިނުމުގައި މިހާރު ކުރިމަތިވެއިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. މިކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތައް އަލިމަގެއް ލިބި، މިއަހަރުގެ ޖެނުއަރީ މަހުގެ ފަނަރަ ވަނަ ދުވަހު ޒަމާނީ އޯޓިޒަމް ސެންޓަރެއް ބިނާ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެގްރީމެންޓް ކުރެވިފައިވާކަމަށެވެ.ހުޅުމާލޭގައި ޤާއިމްކުރެވޭ ހަބުރީގެ މި ސެންޓަރަކީ 400 ކުދިންގެ ޖާގައިގެ ސެންޓަރެއް ކަމަށާއި، މިއަންނަ އަހަރުގެ ޖެނުއަރީ މަހު މިސެންޓަރުގެ ޚިދްމަތް އާއްމުންނަށް ލިބިގެންދާނޭކަމަށް އިލްހާމް ވިދާޅުވިއެވެ."މި ސެންޓަރާއެކު އަޅުގަނޑުމެންގެ އަމާޒަކީ މި ރީޖަންގައި ހުރި އޯޓިޒަމްއަށް ފަރުވާދޭ އެންމެ ރަގަނޅު ސެންޓަރުކަމުގައި މި ސެންޓަރު ހެދުން. އޯޓިޒަމް އާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް ދިވެއްސަކު ރާއްޖެއިން ބޭރަށް ދާން ނުޖެހުން. މި ރީޖަންގެ ޤައުމުތަކުންވެސް އޯޓިޒަމް އަށް ފަރުވާ ހޯދަން މި ސެންޓަރަށް އަންނަ ވަރުގެ ސެންޓަރެއްގެ ގޮތުގައި މި ސެންޓަރު ތަރައްޤީކުރުން. އިރާދަ ކުރެއްވިއްޔާ މީ އަޅުގަނޑުމެންނަށް ޙާޞިލް ނުކުރެވޭވަރުގެ ލަނޑުދަނޑިއެއްނޫން.  ދިވެހި ސަރުކާރާ. އެހީދޭ ފަރާތްތަކާ. ތިޔަ މުވައްޒަފުންނާ ލޮބުވެތި ބެލެނިވެރިންގެ އެއްބާރުލުމާ އެކު އަޅުގަނޑުމެންގެ މި ލަނޑުދަނޑި ޙާޞިލްވާނެ" އިލްހާމް ވިދާޅުވިއެވެ.އޯޓިޒަމް އެސޯސިއޭޝަނުގެ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޞިއްހަތާބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޞިއްޚީ ދާއިރާއިންވެސް އެ ކަންތައްތަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ކުދިންނަށް ބޭނުންވާނެ އެހީ ލިބޭގޮތަށް ޕޮލިސީތައް ރޭއްވެވުމުގައްޔާއި އޯޓިޒަމް ހުންނަ ކުދިންނަށް ޚާއްޞަ ޑޮކްޓަރުންނާއި ތެރަޕިސްޓުން ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރޭގެ ޙަފްލާގައި ވަނީ އޯޓިޒަމް އެސޯސިއޭޝަނުގެ ތަރައްޤީއަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިވެދޭ ފަރާތްތަކަށާއި ދަރުމަވެރިންގެ އަގު ވަޒަންކޮށް ހަދާނީ ފިލާ އަރުވާފައެވެ.މިހަފްލާގައި ވަނީ އޯޓިޒަމް އެސޯސިއޭޝަންގެ އަހަރީ ކަލަންޑަރާއި ލަވަވެސްއިފްތިތާޙްކޮށްފައެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިން އަދި އެއެސޯސިއޭޝަންގެ މުވައްޒަފުންނަށް ޚިދުމަތްދޭ 3 ތަނަކުން ޑިސްކައުންޓް ލިބޭނެ ކާޑުވެސް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރަށް މިއަހަރުގެ ތެރޭގައި އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަށް ހިންގުމަށް އަލިފުޅުތުއްތު ފައުންޑޭޝަނުން އެހީ ހަދިޔާކުރުންވެސް މި ހަފްލާގައި އޮތެވެ.