ޚަބަރު

އެމްޑީޕީ ކޮންގްރެސް އޯގަސްޓް 19ގައި، ބައިވެރިވެވޭނީ އީސީގެ ދަފްތަރަށް ބަލައިގެން


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ކުރިން ނިންމާފައިވާ ތާރީޚް ފަސްކޮށް، އެޕާޓިގެ ދަފްތަރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތަށްކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

ޗެއަރޕާސަންކަމަށް އިންތިޚާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލް ޗެއަރކުރެއްވި ޤައުމީ މަޖިލީހުގައިވަނީ މައިގަނޑު ދެކަމެއް ފާސްކޮށްފައެވެ. އެއީ އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީޚް އޯގަސްޓް 4އިން 19އަށް ފަސްކުރުމަށާއި، އެޕާޓިގެ ދަފްތަރުގައި ތިބި މީހުން، އިލްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެހުމަށް ތިން މަސްދުވަހުގެ މުހުލަތެއްދީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތްކުރުމަށެވެ. މިގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދަފްތަރުގައި ޖެހޭ މީހުންނަށްކަމަށްވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

އޯގަސްޓްމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.

އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝިދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.