ކުޅިވަރު

ހިންމަފުއްޓާއި އީގަލްސްއިން ސެމީގެ އުއްމީދު އާކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސްއިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، ސެމީ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހިންމަފުށިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ހިންމަފުށި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ، 25-17، 25-23 އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންމަފުށީގެ ފާތިމަތު ރަޝީދާއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ހާފްލައިން ލިންކޭޖްއާ ވާދަކޮށް އީގަލްސްއިން ކާމިޔާބުކުރީ، ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

އީގަލްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ، 25-12، 25-6 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ ފާތިމަތު މަޒިއްޔާއެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލައިން ލިންކޭޖެވެ.