ކުޅިވަރު

ޔުނައިޓެޑުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ނުކުރަން ރަންގްނިކް ނިންމައިފި


މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ވަގުތީ ގޮތުން ކޯޗުކޮށްދިން ރާލްފް ރަންގްނިކް، ކުރިއަށް އޮތް ދެ އަހަރު އެ ކުލަބުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރާގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެކަން އެގޮތަށް ނުކުރަން ނިންމައިފިއެވެ.

ރަންގްނިކް ހާމަކުރިގޮތުގައި އޭނާ އެކަން ކުރުމުގެ ބަދަލުގައި ހުރިހާ ވަގުތެއް ދޭނީ އަލަށް ހަވާލުވާ އޮސްޓްރިއާ ޤައުމީ ޓީމްގެ ކޯޗުކަމަށެވެ. ޔުނައިޓެޑްގެ ކޮންސަލްޓަންސީގެ މަސައްކަތަކީ ރަންގްނިކް ޔުނައިޓެޑްގެ ކޯޗް ކަމާއި ވަގުތީ ގޮތުން ހަވާލުވިއިރު އެއްބަސްވެވުނު ގޮތެވެ. އެކަމަކުރަންގްނިކް ވަނީ އޭނާ އޮސްޓްރިއާގެ އާ ކޯޗްގެ ގޮތުގައި ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނައިޓެޑްގެ ކޮންސަލްޓަންސީގެ ރޯލް އަދާ ނުކުރާނެކަން ޔަގީން ކޮށްދީފައެވެ. އަދި އެކަމާއި ގުޅޭގޮތުން ޔުނައިޓެޑްގެ އާ ކޯޗް އެރިކް ޓެން ހާގް ގާތުން ސުވާލުކުރުމުން އޭނާވަނީ އެއީ ކްލަބްގެ ނިންމުމެއް ކަމަށް ހާމަކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ކްލަބާއި ރަންގްނިކް އާދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އޭނާގެ ހުރިހާ ވަގުތެއް އޮސްޓްރިއާ ޓީމަށް ހުސްކޮށް، ކޮންސަލްޓަންސީގެ ރޯލް އަދާނުކުރާގޮތަށް އެއްބަސްވެވިފައިވާ ކަމަށެވެ. ރަންގްނިކްގެ ބެލުމުގެ ދަށުން ޔުނައިޓެޑް ކުޅުނު މެޗްތަކުގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ 38 އިން ސައްތައެވެ. އަދި ލީގު ނިންމާލީ ހަވަނައިގާ އޮވެ ޔޫރޮޕާ ލީގަށް ކޮލިފައިވެގެންނެވެ.