ދުނިޔޭގެ ވިޔަފާރި

ލަންކާގެ މަސްވެރިންނަށް އިންޑިއާގެ އެހީތެރިކަން


އަވަށްޓެރި ސްރީލަންކާގެ މަސްވެރިންނަށް އިންޑިއާއިން އެހީ ފޯރުކޮށްދީފިއެވެ. އިންޑިއާ އިން ވަނީ ލަންކާގެ މަސްވެރިންނަށާއި ފެރީގެ ޚިދުމަތްތަކަށް ބޭނުންވާ 15000 ލީޓަރުގެ ކަރާސީނު ފޯރުކޮށްދީފައެވެ. މި 15000 ލީޓަރުގެ ކަރާސީނު ވަނީ ލަންކާގެ އެކި ހިސާބުތަކުގައި އުޅޭ މަސްވެރިންނަށް ލިބޭނެހެން އެ ސަރަހައްދުތަކަށް ގެންގޮސްފައެވެ. މީގެ ކުޑަދުވަސްކޮޅެއްކުރިން އިންޑިއާ އިން ވަނީ ގާތްގަޑަކަށް 40000 މެޓްރިކް ޓަނުގެ ޕެޓްރޯލުވެސް ލަންކާއަށް ފޯރުކޮށްދީފައެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ކާރިސާއިން ދިމާވެފައިވާ ދަތިތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ތެޔޮ އެތެރެކުރުމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިނެއްވެސް އިންޑިއާ އިން ވަނީ ދީފައެވެ. މީގެއިތުރުން މިދިޔަ ހުކުރު ދުވަހުވެސް އިންޑިއާއިން ވަނީ 250000 ޓަނުގެ ބޭސް ލަންކާއަވަނީ ދީފައެވެ.

ސްރީލަންކާގެ ރައްޔިތުން މިހާރު ކުރިމަތިލަމުންދާ އިޤްތިޞާދީ ކަރިޘާއަކީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން ދިމާވި އެންމެ ބޮޑު ކާރިޘާ ކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ.

ލަންކާއިން ޤައުމުތަކަށް ދަރައި ދައްކަންޖެހޭ ގިނަ ލޯނުތަކެއްވެސް އެބަހުއްޓެވެ. އެ ޤައުމުގެ ފޮރިން ރިޒާވް ދަށްވެ ޑޮލަރު ގަތުމަށް ޢާއްމުންގެ ޖީބުން އިތުރަށް ޚަރަދުކުރަން ޖެހުމުން ލަންކާ ރުޕީސްގެ އަގު ވަނީ 3 ގުނައަށް ވެއްޓިފައެވެ.