ޚަބަރު

މުސާރައިގެ ހެޔޮ ބަދަލާއެކު، ދާއިރާ ދޫކޮށްލި މުވައްޒަފުން އެނބުރި އަންނަނީ!


ކުރިން މުސާރަ ކުޑަވުމުގެ ސަބަބުން ތަޢުލީމީ ދާއިރާއިން ވަކިވި ބައެއް މުވައްޒަފުން އަލުން މި ދާއިރާއާ، ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން މިދާއިރާގައި މީގެކުރިން މަސައްކަތް ކުރި މުވައްޒަފުން އެނބުރި އައުމަށް ބޭނުންވެގެން މިނިސްޓްރީއަށް ސިޓީ ފޮނުވަމުން އަންނަކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ އުޞޫލެއްގެ ގޮތުން ވަޒިފާއަށް އެނބުރި އައުމަށް މިނިސްޓްރީއަށް ސިޓީ ނުފޮނުވި ނަމަވެސް އެކަން ކުރިއަށް ގެންދެވޭނެ ގޮތަކީ މަޤާމަށް އިޢުލާން ކުރުމުން ކުރިމަތިލުމުގެ ފުުރުޞަތު ހުޅުވާލުން ކަމަށެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކމުގެ ޝަކުވާތަކާއެކު މީގެ ކުރިން ބައެއް ބޭފުޅުން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކާ ގުޅިފައިފައިވެއެވެ. އެގޮތުން ކުރިން މިދާއިރާތަކުގައި ތިއްބެވި މުވައްޒަފުން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނަރަލުންގެ މަޤާމަށްވެސް ވަނީ ގޮސްފައެވެ. އެހެންނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިފަދަ ބޭފުޅުން ތަޢުލީމީ ދާއިރާއަށް އަލުން އައުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް އެވްރެޖްކޮށް 13266 ރުފިޔާ ލިބޭނެއެވެ. އަދި ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467 ލިބޭނެއެވެ. މީގެ އިތުރަށް މާސްޓާސް ހަދާފައިވާ މުދައްރިސަކަށް އެވްރެޖްކޮށް 20،895 ރުފިޔާ ލިބޭނެކަމަށް އޮނިގަނޑުގައި ވެއެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610 ރުފިޔާ އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރަށް ސްކޫލްތަކުގެ އާބާދީއަށް ބެލުމަށްފަހުގައި ޕްރިންސްޕަލުންނަށް 1000 އއި 5000 ދެމެދުގެ އެލަވަންސްއެއްވެސް ލިބޭނެއެވެ. އަދި މުދައްރިސުންގެ މުސާރައަށް ކޮންމެ ދެ އަހަރަކުން މުސާރައިގެ ކުރިއެރުން އަންނާނެއެވެ.މީގެ ކުރިން މުދައްރިސުންގެ މުސާރައިގެ ކުރިއެރުން އަންނަނީ ކޮންމެ 5 އަހަރަކުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ދާއިރާއަށް މިހާރު ގިނަބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު ޕްރިންސްޕަލުންގެ ޑިމާންޑްވެސް އިތުރުވަމުން އަންނަކަމަށެވެ. މިގޮތުން ކުރިން ޕްރިންސްޕަލުން ނެތް ރަށްރަށައް އިތުރު ރަށްރަށުން ޕްރިންސްޕަލް ގެންދިއުމުގެ ބަދަލުގައި އެ ރަށަކުންވެސް އެ މަޤާމަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަކަމަށެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ، އެ ދާއިރާއަށް ފެންވަރު ރަނގަޅު ދިވެހި މުދައްރިސުންނާއި ޕްރިންސިޕަލުން ނުލިބޭ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ވަރަށް ބޮޑުވެފައިވަނިކޮށެވެ. އެކަށީގެންވާ މުސާރައެއް ނުލިބުމުގެ ސަބަބުން ތައުލީމީ ދާއިރާއިން ކިޔަވާ ކުދިންގެ ޢަދަދުވެސް ވަނީ މުދުވެފައެވެ. އެހެންނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގެން ވަނީ މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު މިމަހުގެ މުސާރާ މުދައްރިސުންނަށް ލިބޭނީ އައު އޮނިގަނޑުގައިވާ ގޮތަށެވެ. މުސާރައަށް ގެނައި ބަދަލާއެކު މިދާއިރާއިން ތަޢުލީމް ހާސިލްކުރާ ކުދިންގެ ޢަދަދު އިތުރުވެ އިތުރު ކުރިއެރުން އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޤަބޫލުފުޅުކުރައްވައެވެ.