ދުނިޔެ

ޗައިނާގެ އިޤްތިޞާދު އަލުން ބައްޓަން ކުރަން ޖެހޭ- ބިލް ގޭޓްސް


ދުނިޔޭގެ ސިނާޢީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ފައިދާ ޗައިނާއިން ނަގަން ޖެހޭ ކަމަށާ މިފައިދާތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ އިޤްތިޞާދު އަލުން ބައްޓަން ކުރަން ޖެހޭ ކަމަށް މައިކްރޯ ސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް ބުނެފިއެވެ.ސުވިޓްޒަލޭންޑްގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކްނޮމިކް ފޯރަމްގެ އަހަރީ ސަމިޓްގެ ހަވާސާގައި ވާހަކަ ދައްކަވަމުން ބިލް ގޭޓްސް ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާގެ އިޤްތިޞާދާ އެޤައުމުގެ ވިޔަފާރިތައް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.އޭނާ މިހެން ބުނެފައިވަނީ 2015 ވަނަ އަހަރު ޗައިނާގެ އިޤްތިޞާދު ކުރިއަރާފައިވަނީ 6.9 އިންސައްތައަށް ކަމަށާ މިއީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެޤައުމުގެ އިޤްތިސާދަށް މިހާ ކުޑަ ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ޗައިނާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.