ދުނިޔޭގެ ވިޔަފާރި

2 އަހަރަށްފަހު ފަތުރުވެރިންނަށް ޖަޕާނު ހުޅުވާލައިފި


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޖަޕާނުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ދެ އަހަރު ދުވަހަށްފަހު ބޯޑަރު އަލުން ހުޅުވާލައިފިއެވެ.

ޖަޕާނުގެ ބޯޑަރު ހުޅުވާލައިފައިވަނީ 98 ޤައުމަކުން އަންނަ ފަތުރުވެރިންނަށް އެ ޤައުމަށް ވަދެވޭގޮތަށެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި އަޅާފައިވާ ގިނަ ފިޔަވަޅުތައް ޖަޕާނުން މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް އަދިވެސް ބައެއް ފިޔަވަޅުތައް ވަނީ ދަމަހައްޓާފައެވެ.

ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށްވެސް މިހާރު ވަނީ ލުއި ދީފައެވެ. އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުވާލަކު 20000 މީހުންނަށް ޖަޕާނަށް ދަތުރުކުރެވޭނެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން އެޤައުމުގައި ކިޔަވާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށްވެސް ވަނީ ޖަޕާނަށް އެތެރެވުމުގެ ހުއްދަ ދީފައެވެ.

ކޯވިޑުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޖަޕާނުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ އިޤްޠިޞާދުގެ މުހިންމު ބައެއް އަދާކުރާ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. 2020 ވަނަ އަހަރު ޖަޕާނަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ވަނީ 90 އިންސައްތައަށް ދަށްވެފައެވެ.