ދުނިޔެ

މިޞްރުގެ އިޤްތިސާދު އަދިވެސް މުޅިން ހަމައަކަށް ނޭޅޭ


މިޞްރުގެ ސިޔާސީ އިންޤިލާބަށް ފަސް އަހަރު ވީ ނަމަވެސް، އެޤައުމުގެ އިޤްތިސާދު އަދި ވެސް މުޅިން ހަމައަކަށް ނޭޅޭ ކަމަށް އިޤްތިސާދީ ތަޖުރިބާކާރުން ހާމަކޮށްފިއެވެ.މިޞްރުގެ އެތެރޭގައި ހަމަނުޖެހުންތަކާއި ސަރަޙައްދުގެ އެހެން ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިޞްރުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިޞްރަށް އާމްދަނީ ލިބޭ ދާއިރާތަކުގެ ވިޔަފާރިތައް ހީނަރުވެ، ފަތުރުވެރިކަމާއި އިމްޕޯޓް އަދި އެކްސްޕޯޓްގެ ދާއިރާތަކުގެ ވިޔަފާރި ދަށަށް ގޮސް، މިޞްރު ފައިސާގެ އަގު ވެސް މިހާރު ވެއްޓިފައިވާ ކަމަށް މި ރިޕޯޓްތަކުގައި ބުނެފައިވެއެވެ.މީގެ އިތުރުން ސުއޭޒް ކެނަލްއިން މިދިޔަ އަހަރު ލިބުނު އާމްދަނީވެސް ނިސްބަތުން ދަށްވެފައިވާ ކަމަށް އެ ކެނަލްގެ ކަންތައްތައް ބަލަހައްޓާ މިޞްރުގެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް މިއަހަރު މި އާމްދަނީ އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.