ޚަބަރު

ހަނގުރާމައިގެ އޮއިވަރު ބަދަލުވެ ރަޝިޔާއަށް ބޮޑެތި ކުރިއެރުންތަކެއް


ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ މުޙިއްމު ރަށެއްކަމަށްވާ ލީމާން ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދޮންބާސަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިންވަނީ ވަރުގަދަކޮށްފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ މެރިއުޕޯލްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އާޒޯވު ކަނޑުގެ ސަރަޙައްދުވެސް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސް ހަނގުރާމައަށް ބޭނުންވާ ސާމާނު ކަނޑުމަގުން ޔޫކްރެއިނަށް ގެނެވޭނެ މަގު ރަޝިޔާއަށްވަނީ ތަނަވަސްވެފައެވެ. ރަޝިޔާގެ ބާރުގެ ދަށަށް ލީމާން ގެނައުމަކީވެސް އަސްކަރީގޮތުން އެ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެއާއެކު މަރުކަޒެއްގެ ގޮތުގައި ލީމާން ބޭނުންކޮށްގެން ކައިރީގައި އޮތް އެހެން ރަށްތަކަށް ޙަމަލާދިނުމަށް ރަޝިޔާގެ ފައުޖުތަކަށް ފަސޭހަވާނެއެވެ. ލީމާނާއި އެ ރަށް ކައިރީގައި އޮންނަ އެހެން ރަށްތަކާ ދެމެދު އޮންނަ މުޙިއްމު ރޭލްވިއުގައެއް އޮވެއެވެ.

ޔޫކްރެއިނުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާކަމަށާއި ދޮންބާސްގައި އޮޮންނަ ލުހާންސްކުން ޔޫކްރެއިނުގެ ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވެފައިވާކަމަށެވެ. އެހެންނޫންނަމަ ރަޝިޔާގެ ބާރުގެ ދަށަށް ޔޫކްރެއިނުގެ އެތައް ހާސް ސިފައިންނެއް ދާނެކަމުގެ ބިރުވެރިކަން އޮތްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ލުހާންސްކުން ޔޫކްރެއިނުގެ ސިފައިން ފަހަތަށް ޖެހިއްޖެނަމަ އެ ސަރަޙައްދު އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށްދާނެއެވެ. އަދި ރަޝިޔާގެ ބާރުގެ ދަށަށް ދޮންބާސް ގެނައުމަށް ކުރަމުންދާ އުއްމީދު ޙާޞިލުވާނެކަމެކެވެ.

ބެލެވޭ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށަށް ދޮންބާސް ގެނައުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑުރަށްކަމަށްވާ ކާރްކީވަށް ދެމުންދާ ޙަމަލާތައް ވަރުގަދަކުރުމަށެވެ. ދޮންބާސްގައި ކުރިއެރުންތަކެއް ހޯދުމުގެ ކުރިން ރަޝިޔާގެ ފައުޖުތައްވަނީ ކާރްކީވު އޮންނަ ސަރަޙައްދުން ފަހަތަށް ޖެހިފައެވެ. ނަމަވެސް ދުވަސްތަކަކަށްފަހު ރަޝިޔާއިންވަނީ އަލުން ކާރްކީވަށް ޙަމަލާދޭން ފަށައިފައެވެ.