ޚަބަރު

ޖަލު ހިންގުމަށް ހުރިހާ އޮފިސަރުން އެއްގޮތަކަށް ޢަމަލު ކުރަންޖެހޭ


ހުރިހާ ޕްރިޒަން އޮފިސަރުން އިޙްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން މެނުވީ ޖަލެއް އެންމެ އެދެވޭގޮތުގައި ނުބެލެހެއްޓޭނެކަމަށް ޕުރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.އެކަމަނާ މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ހިންގާ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަފުޅުގައި، ޖަލު ބެލެހެއްޓުމުގައި އެއް ޕްރިޒަން އޮފިސަރަކު އަނެއް ޕްރިޒަން އޮފިސަރަކަށް އެހީތެރިވާން ޖެހޭނެކަމަށާއި، ހުރިހާ ޕްރިޒަން އޮފިސަރުން އެެއްގޮތަކަށް ޢަމަލުކޮށްގެން ނޫނީ ޖަލެއް އެންމެ ރަނގަޅުގޮތުގައި ނުހިންގޭނެކަމަށް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ މިހާރު ތަޢާރަފް ކޮށްފައިވާ އައު އޮނިގަނޑުގެ ސަބަބުން ޖަލުތައް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޙިދުމަތާއި އަލަށްގުޅޭ ކޮންމެ ޕްރިޒަން އޮފިސަރެއް ފުރިހަމަކުރަންޖެހޭ ކޯހެކެވެ. މިކޯހުގެ ފުރަތަމަ ބުރުގައި 20 އޮފިސަރަކުވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވިފައިވަނީ ޕްރިޒަންއޮފިސަރ ހަމްދޫން ރަޝީދެވެ. މި ކޯހަކީ 4 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދެވުނު ކޯހެކެވެ.