ޚަބަރު

މަސްތާ، ގޭންގުކުށުގެ ފަހަތުގައި ސިޔާސީ ނިޔަތާއި، މާލީ ނަފާ އޮވޭ : ރައީސް


ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަކަމަށްވާ، މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކަކީ އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާގެ ސަބަބުތައް ޝާމިލުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކާއިއެކު ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް އެއް މޭޒެއްގައި މަޝްވަރާކުރުމަށް މިއަދު ފެށި "ވިޔަވަތި ރާއްޖެ" ކޮންފަރެންސު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއި އެންމެ ބޮޑު ދެ މައްސަލަކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަކީ އެއް ގަހެއްގެ ދެ ގޮފިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ޤައުމީ ވެށީގެ ތެރޭގައި ހުރި މައްސަލަތަކަށް ބަލާއިރު ޤައުމީ ބޮޑު ދެ މައްސަލަ އެބައޮތްކަމަށެވެ. އަދި އެއީ އެންމެ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ މައްސަލަތައް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައްކަމަށެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އެންމެ ފުންމިނުގައިވަނީ އިންތިޒާމުވެ ރޭވިގެން ހިންގާ ކަންކަންކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ސިޔާސީ ނިޔަތާ، މަލީ ނަފާގެ ސަބަބުތައް ޝާމިލުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކޮންޕަރެންސްގައި މިކަމާއި ގުޅޭ ފުޅާ މަޝްވަރާތައް ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މިއީ ގޮންޖެހުންބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މި ކޮންފަރެންސުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ، އަވަސް ވާނެކަމެއް ކަމުގައި ދެކެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޖުތިމާއީ ދެން އޮތް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމާއި ކުރާ ނޭދެވޭ އަސަރަކީ ހިންގޭ ތަރައްޤީގެ ކޮންމެ މަޝްވަރާއަކާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމުގައިވެސް ކައުންސިލްތަކުގެ ދައުރު ވަރަށް މުހިއްމުކަމަށެވެ.

"ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު. ތަރައްޤީގެ ބޭނުމުގައި ކުރާކަމަކީ ތަރައްޤީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ. މިކަމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ކައުންސިލަތަކަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށެވެ.

ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞާދީ ވެށި ތަނަވަސްކުރުމުގެ ބަދަލެއް ކަމުގައި ވެގެންދާނެކަމަށެވެ.

" ބުނެފާނެ! އެހެންވިއްޖިއްޔާ މާލޭގައި ތިޔަ އަޅަނީ ކޮން ފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ އެއީ ބާރުވެ ތަށިވެފައިވާވުމަށް ގުޅީފަޅާއި ހަމައަށް ފެޔަށް ނުޖައްސައި، ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރިކުރެވޭކަށް ނެތް. މާލޭ ރައްޔިތުންނަށް ހައްގުވާ ގޯތި ނުދީ ވާކަށްވެސް ނެތް. މުޅި ރާއްޖެ ލާމަރުކަޒު ވާއިރު މާލެއަށް މިގެނެވެނީ އޭގެ އިޖުތިމާއީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ވެށި ތަނަވަސް ކުރުމުގެ ބަދަލު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފެށި ކޮންފެރެންސަކީ ރާއްޖގައި ހުރި މި ފަދަ މައްސަލަތަކާއި މެދު މަޝްވަރާކުރުމުގެ މަހައްލެއްކަމަށެވެ. އަދި މި މަޝްވަރާތަކަކީ ހައްލު ހޯދާ ގޮތް ހޯދުމުގެ މަރުހަލާއެއްކަންވެސް ރައީސް ވިދާޅުވިއެވެ. ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

" ހާއްސަ ގޮތެއްގައި ލާމަރުކަޒުވުމުން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރު އިންތިހާއަށް މުހިއްމު. އެއީ އިދާރީ ހިންގުން ކަމުގައި ވިޔަސް. އަވަސް ޚިދުމަތް ދިނުންކަމުގައި ވިޔަސް. އިޖްތިމާއީ ރާއްކާތެރިކަމާއި މުޖުތަމައު ބަދަހިކަން ކަމުގައި ވިޔަސް. އަދި ޤާނޫނީ ވެރިކަން ނެގެހެއްޓުން ކަމުގައި ވިޔަސް ކަންއޮތް ގޮތް. ސަބަބަކީ ރައްޔިތުންނާއި އެންމެ ގާތުގައި ތަރުތީބުވެފައިވާ އިދާރީ ތަންފީޛީ ފަށަލައަކީ ކައުންސިލްތައް ކަމުގައިވުން. އަންނަ ރަނގަޅެއް ނުވަތަ ފެންމަތިވާ މައްސަލައެއް އެންމެ ފުރަތަމަ އަންނާނެ ފެންނާނެ ބަޔަކީވެސް ކައުންސިލްތަކާއި ކައުންސިލަރުން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ފެށި ކޮންފަރެންސެވެ.