ކުޅިވަރު

ކާލޯސް ގެންދިއުމާ ގުޅޭގޮތުން ވިލާއިން އެއްބަސްވުމަކަށް


ސެވިއްޔާއަށް ކުޅެމުން އަންނަ ޑިއޭގޯ ކާލޯސް ގެންދިއުމާ ގުޅޭގޮތުން އެސްޓަން ވިލާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ބްރެޒިލްގެ ކުޅުންތެރިޔާ ވިލާއަށް ބަދަލުވުމަށް ހަމަޖެހިފައިވަނީ 26 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 29 އަހަރުގެ ކާލޯސް ގެންދިއުމަށް މިއަހަރުގެ ޖެނުއަރީ މަހު ނިއުކާސްލްއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ. ކާލޯސް ވިލާއާއި ގުޅުމުގެ ކުރިން ހަދާ މެޑިކަލް އާއި އަމިއްލަ ކަންތައްތަކެއް އެއްބަސްވުމަށްޓަކައި އިންގްލަންޑަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކާލޯސް ވިލާއާ ގުޅޭއިރު، މިދިޔަ އަހަރު ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސް މުބާރާތުގައި އޭނާ ވަނީ ހަ މެޗެއްގައި ކުޅެފައެވެ.

ސެވިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކުލަބަށް ކާލޯސް ކޮށްދީފައިވާ ހިދުމަތަށް ޝުކުރުއަދާކޮށް، ކުރިއަށް ތަނުގައި އޭނާ ކުރިމަތިލާ ކަންތައްތަކުގައި ކާމިޔާބީއަށް އެދޭކަން ހާމަކޮށްފައެވެ.

ކާލޯސް އަކީ އައު ސީޒަނަށް ވިލާއިން އެޓީމަށް ގެންނަ ދެވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ ކުޅުންތެރިޔަކަށް ވެފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ގޮތުން އޮލިމްޕިކް މާސޭއިން ސޮއިކުރި ބޮއުބަކާ ކަމާރާއެވެ. މި ދެކުޅުންތެރިންގެ އިތުރުން ވިލާއިން ވަނީ މިމަހުގެ ތެރޭގައި ފިލީޕް ކޯޓީނިއޯގެ ލޯން އެއްބަސްވުން ދާއިމީ ކޮށްފައެވެ.