ވިޔަފާރި

ފެނާއި ނަރުދަމާގެ ސާމާނު ވިއްކަން، އެމްޑަބްލިއުއެސްސީން ތައްޔާރުވަނީ


ފެނާއި ނަރުދަމާގެ ސާމާނު ވިއްކުމުގެ ވިޔަފާރިއަށް ވަނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ކުންފުންޏަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޝާހު ވަނީ އެކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

ފެނާއި ނަރުދަމާގެ މަސައްކަތުން ފެށި އެމްޑަބްލިއުއެސްސީން މިހާރު އަންނަނީ ކުންފުނި ފުޅާކޮށް އިތުރު ވިޔަފާރިތަކަށް ވަނުމުގެ މަސައްކަތްތައް ކުރަމުންނެވެ. ކުންފުންޏަށް 27 އަހަރު ފުރުން ފާހަގަކުރަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، އުފެއްދުންތެރިކަމާއިއެކު ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފެނާއި ނަރުދަމާގެ ސާމާނު ވިއްކުމަށް ކުންފުނި މިހާރު ތައްތާރުވެފައިވާކަމަށެވެ. އެ މަސައްކަތުގެ ދަށުން އެ ކުންފުނިން އުފައްދާ ޕީވީސީ ހޮޅިއާ ފިޓިންގްސް އިތުރަށް މާކެޓްކުރުމަށް މާލޭގެ ހާޑްވެއަރ ފިހާރަތަކާއިއެކު މަޝްވަރާކޮށްފައިވާކަމަށެވެ. މީގެއިތުރުން މި ވިޔަފާރު ފުޅާކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން އަންނަކަންވެސް ޝާހު ފާހަގަކުރެއްވިއެވެ.

"އުފެއްދުންތެރިކަމާއި އެކުއެކީ ކުންފުނީގެ ވިޔަފާރީގައި އިތުރު ކުރިފަޅަންޖެހޭ. ކުންފުނިން އުފައްދާ މާކެޓް ކުރަމުންދާ ޕީވީސީ ހޮޅިއާއި ފިޓިންގްސް އަކީ މުހިންމު ބައެއް. މި އުފެއްދުން އިތުރަށް މާކެޓް ކުރުމަށްޓަކައި މާލޭގެ ހާޑްވެއަރ ފިހާރަތަކުގައި މަޝްވަރާތަކެއް ވަނީ ބޭއްވިފައި. މިއާއިއެކު ކުންފުނީގެ ޝޯރޫމް އިތުރަށް މުއްސަނދި ކުރުމަށް އަމާޒު ހިފިއްޖެ. ފެނާއި ނަރުދަމާއަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކުގެ ވިޔަފާރިއަށް ވަނުމުގެ އިދާރީ މަސައްކަތް ދަނީ ހިނގަމުން." ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ ބިއްލޫރި ފުޅީގައި ފެން ބަންދުކޮށްގެން ވިއްކުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންނެވެ. ޝާހު ވިދާޅުވީ މިކަމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށްފަހު އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެ މަސައްކަތުގެ ދަށުން ބިއްލޫރިފުޅި ސަޕްލައިކޮށްދޭނެ ބަޔަކު މިހާރު ހޯދާފަައިވާކަންވެސް ޝާހު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ސިންގަލް ޔޫސް ޕްލާސްޓިކް ސިޔާސަތަކީ މި ކުންފުނީގެ އުފެއްދުންތެރިކަމާއި، ގުޅުންހުރި ބޮޑު ބަދަލެއް ގެނުވާ ސިޔާސަތެއް. ބިއްލޫރި ފުޅިގައި ފެން ބަންދުކޮށް މާކެޓަށް ނެރުމަށް ފުރަތަމަ ހެދީ ދިރާސާ. މިދެންނެވި ދިރާސާގެ މަސައްކަތައް ފަހު ބޭނުންވާ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިއީ ކާރުހާނާގެ ބޮޓްލިންގ ލައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް. މިދެންނެވި ބަދަލު ގެނައުމުގެ އަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައި. ބޭނުންވާ ބިއްލޫރި ފުޅި ސަޕްލައިކޮށްދޭނެ ސަޕްލަޔަރުން ވަނީ ހޯދިފައި." ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޕްލާސްޓިކް މަދުކުރުގެ ސިޔާސަތައް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން

1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ރާއްޖޭގައި ފެން ބަންދުކުރުމުގެ މަސައްކަތް ކުރުމަކީ މަނާކަމެވެ. އަދި 2024ގެ މާރިޗުމަހުން ފެށިގެން ރާއްޖޭގެ ބާޒާރުގައި އެސައިޒްގެ ޕްލާސްޓިކް ފުޅި ވިއްކުމަކީވެސް މަނާކަމެކެވެ.