މުނިފޫހިފިލުވުން

"މިސްޓަރ އިންޑިއާ"، ފުރަތަމަ ހޮވުމަކީ އަނިލެއް ނޫން


1987 ވަނައަހަރު ނެރުނު "މިސްޓަރ އިންޑިއާ" އަކީ ހިންދީ ސިނަމާތަކުގައި ބޮޑު ހިޓެކެވެ. ސްރީދޭވީއާ އަނިލްކަޕޫރް ލީޑްރޯލުން ފެނުނު މި ފިލްމު އުފެއްދި ޕްރޮޑިއުސަރުންވެސް އެ ފިލްމަށް އެހާ ބޮޑު ކާމިޔާބީއެއް ލިބިދާނެކަމަށް ހިއެއް ނުކުރެއެވެ. މިހާރުވެސް ހިންދީ ބައެއް ޗެނަލްތަކުން ދައްކަމުން އަންނަ މި ފިލްމަކީ ސްރީދޭވީ ފިރިމީހާ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމެކެވެ. ޝޭކަރު ކަޕޫރް ޑައިރެކްޓްކުރި މި ފިލްމުގެ ވެގެންގޮސްފައިވަނީ 1987 ވަނަ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

ގަޑިއެއް ބޭނުންކޮށްގެން ގެއްލޭ މީހަކު ފެންނަ ސުޕަރ ހީރޯ މި ފިލްމުގެ ރީމޭކެއްގެ ވާހަކަ މިހާރުވަނީ ދެކެވެން ފަށާފައެވެ. އެއާއި އެކު ކުރީގެ ފިލްމާއި ގުޅޭ އާއްމު ނުވާ ބައެއް ވާހަކަތައްވެސް މިހާރު ވަނީ އިވެން ފަށާފައެވެ.

ފުރަތަމަ ހޮވުމަކީ އަނިލެއް ނޫން

މި ފިލްމުގައި އަނިލް ދައްކުވާދީފައިވާ އެކްޓުން އޭނާ ނޫން މީހަކު ފިލްމުގައި ހިމެނިނަމަ މިހާ ފުރިހަމަ ނުވާނެކަމަށް ދެކޭ ގިނަ ބަޔަކުވެސް ތިއްބެވެ. އެހެންނަމަވެސް މި ފިލްމުގެ މިސްޓަރ އިންޑިއާގެ ރޯލް ފުރަތަމަ ހުށައެޅީ އަނިލް ކަޕޫރަކަށް ނޫނެވެ. ފްރޮޑިއުސަރުންގެ ފުރަތަމް ހޮވުމަކަށްވީ މަޝްހޫރު ސުޕަރ ސްޓަރ އަމީތާބު ބައްޗަންއެވެ. އަމީތާބު މި ފިލްމަށް ބޫނީ ނޫނެކެވެ. ދެން ވެސް ޕްރޮޑިއުސަރުން މަސައްކަތް ކުރީ ވަރުގަދަ ތަރިއެއް ހިމަނަންށެވެ. ދެން ހުށައެޅީ ބޮލީވުޑްގައި އަމީތާބަށް ވުރެ ކުރިން ރަސްކަންކުރި ރާޖޭޝް ކަންނާއަށެވެ. އޭނާވެސް މި ފިލްމުގެ ސްކްރިޕްޓަކާ މާ ގަޔާއެއް ނުވިއެވެ. ދެން ފިލްމަށް ލީ އަނިލް ކަޕޫރާއެކު ފިލްމުވަނީ ސުޕަރ ސްޓާރެއް ނެތި ސުޕަރ ހިޓް ބޯޑު އަޅުވާފައެވެ.

ޖާވިދާ ސާލިމްގެ އެންމެފަހު މަސައްކަތް

ޖާވިދު އަހްތަރާއި ސާލިމް ހާނަކީ އެދުވަސްވަރު ފިލްމުގެ ސްކްރިޕްޓް ލިޔުމާއި ޑައިލޮގްތައް ލިޔުމުގައި އެންމެ ހިނގާ ޖޯޑެވެ. އެހެންނަމަވެސް މި ދެ ފަންނާން އެކުގައި މަސައްކަތް ކުރުން 1980ގެ ކުރީ ކޮޅު ހުއްޓާލިއެވެ. އޭގެފަހުން ދެމީހުން ފިލްމުތަކަށް ސްކްރިޕްޓް ލިޔެދެމުން އައީ ވަކިންނެވެ. އެހެންނަމަވެސް 1987ގެ މި ހިޓް މިސްޓަރ އިންޑިއާގެ މަސައްކަތަކީ މި ދެމީހުން އެކުގައި ކުރި މަސައްކަތެކެވެ. އެހެންކަމުން މި ފިލްމުގެ ސްކްރިޕްޓް ވެގެންގޮސްފައިވަނީ ޖާވިދާ ސާލިމްގެ ޖޯޑު އެކުގައި އެންމެ ފަހުން ކުރި މަސައްކަތަށެވެ.

މޮގޮމްބޯ ހުޝްހުވާ

ފިލްމުގެ ވިލިއަންގެ މި ޑައިލޮގްކޮޅު ވެގެންދިޔައީ މުޅި ބޮލީވުޑްގައިވެސް އެންމެ ހިނގާ އެއް ޑައިލޮގް ކޮޅަށެވެ. މިހާރުވެސް ބައެއް ޝޯތަކާއި ފިލްމުތަކުގައި މި ޑައިލޮގްކޮޅު އަޑުއިވެއެވެ. އަދި މި ފިލްމުގެ ވިލިއަން ވެގެންގޮސްފައިވަނީ ބޮލީވުޑްގެ ފިލްމީ ތާރީހުގައި ލިޔެވިގެންދިޔަ ނަމަކަށެވެ. ފިލްމުގެ މި ރޯލުން ފެނުނީ އަމްރިޝް ޕޫރީއެވެ. އެހެންނަމަވެސް މި ރޯލްވެސް ފުރަތަމަ ހުށައެޅީ އޭނާއަކަށް ނޫނެނެވެ. ފުރަތަމަ މި ރޯލް ދިނީ އޭރު ނުބައިބައި ރޯލްތަކުން ކުރި އަރަމުން އައި އަނޫޕަމް ކޭރަށެވެ. އަމިރިޝް ޕޫރީއަށް މި ބައި ލިބި އެންމެ މޮޅު ވިލިއަނަކަށްވީ އަނޫޕަމް ނޫނެކޭ ބުނުމުންނެވެ. ދެން އެންމެ ހެއްވާކަމަކީ މި ކެރެކްޓަރ އަކީ ފިލްމުގެ ސްކްރިޕްޓް ފުރަތަމަ ލިޔުނު އިރު އޮތް ބައެއްވެސް ނޫނެވެ. ޕްރޮޑިއުސަރުން ބުނާ ގޮތުން މި ކެރެކްޓަރ އުފައްދަން ހިޔާލު އައީ މައިކަކުން އަމީތާބުގެ އަޑު އިވުނު ގޮތަކުންނެވެ. މޮގެމްބޯގެ މަޝްހޫރު ޑައިލޮގް "މޮގެމްބޯ ހުޝް ހުއާ" އުފެއްދީ މަޝްހޫރު ލިރިސިސްޓް ޖާވިދް އަޚްތަރެވެ.

ކުޑަ ބަޖެޓާކާއި ކުރު މަސައްކަތެއް

މި ފިލްމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން ނިންމާލީ އަހަރެއްހާ ދުވަހުގެ ތެރޭގައިއެވެ. ފިލްމު އުފައްދަން ހަރަދުކުރީ 3.80 ކްރޯޑް ރުޕީސްއެވެ. އެހެންނަމަވެސް ފިލްމު ސިނަމާތަކުން ނެގީ 100 މިލިއަން ރުޕީސްގެ ބޮޑު ޕްރޮޕިޓަކާއި އެކުއެވެ.

ސްޕެޝަލް އިފެކްޓެއް ނޫން

މި ފިލްމުގައި ގަޑިއެއް އެޅުމުން އަނިލް ކަޕޫރް އެހެން މީހުންގެ ލޯތަކަށް ގެއްލެއެވެ. އެހެންނަމަވެސް ރަތް އަލި ހުންނަ ތަންތަނަށް ދެވިއްޖެނަމަ މީހުންނަށް ފެނެއެވެ. ފިލްމުގައި އަނިލް މީހުންނަށް ނުފެނި ބައެއް ކަންކަން ކުރާ ސީންތަކާއި ތަޅާލުންތައް ހިމެނެއެެވެ. އެހެންނަމަވެސް މި ފިލްމުގައި ޕޯސްޓް ޕްރޮޑަކްޝަންގައި އިފެކެޓްސް ހިމަނައިގެން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހުރިހާކަމެއްވެސް ކޮށްފައިވަނީ ފިލްމުގެ ޝޫޓިންތަކުގައި ރިއަލް ޓައިމްގައެވެ.