ޚަބަރު

ޖޫނިއާ ޓެނިސް ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީއަށް ރައީސްގެ ތައުރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއަރ ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރައްވައިފި، ހޯދަމުންދާ ކާމިޔަބީއަށް ތަޢުރީފް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޫނިއަރ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ. އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަޚުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާ، އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާޞިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ، އެކަމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވާ އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އަދި ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާ އެކަންކަމުގެ މަޢުލޫމާތު އެ އެސޯސިއޭޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.