ޚަބަރު

ބަލިމީހެއްގެ އެހީތެރިއެއްތަ؟ މި ކަންކަމާމެދު ވިސްނާލުން މުހިންމު


ބަލި މީހަކަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހިތްހަމަޖެހުމުގެ އިހްސާސް ކުރެވޭނެ ކަމެކެވެ. ނަމަވެސް މިއީ ބައެއް ހާލަތްތަކުގައި ހާސްވެ ނުތަނަވަސްކަންވެސް ވެރިވާކަމެކެވެ.

ވަޒީފާގައި އުޅެމުން، ދިރިއުޅުމުގެ އެހެންވެސް ކަންކަން ކުރަމުން އަވަދިނެތި ޝެޑިއުލެއްގައި އުޅެމުން ބަލިމީހެއްގެ ކަންކަން ބެލެހެއްޓުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެއެވެ. މިފަދަ ހާލަތްތަކުގައި އަމިއްލަ ނަފްސަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވޭ ފަހަރުތައްވެސް އާދެއެވެ. މީގެ ސަބަބުން ބަލިމީހާގެ އެހީތެރިޔާއަށް ހާސްވުމާއި، ކަންބޮޑުވުމާއި، ފިކުރުބޮޑުވުމާއި، ރުޅިއައުން ފަދަ ކަންތައްތައް ދިމާވެ އަމިއްލަ ނަފްސު ކުއްވެރިކުރެވޭ ފަހަރުތައް އާދެއެވެ.

ބަލިމީހާއަށް އަޅާލުމުގައި ހުރިހައި ކަމެއް ތިމާ އަމިއްލައަށް ކޮށްދޭންޖެހޭކަމަށް ގަބޫލުކުރެވޭނަމަ އެ ވިސްނުން ދޫކޮށްލަން ޖެހެއެވެ. މިކަމުގައި އާއިލާއާއި ރަހުމަތްތެރިންގެ އެހީތެރިކަން ހޯދިދާނެއެވެ. މީގެ ސަބަބުން އެހީތެރިޔާގެ ނަފްސުގެ ވަރުބަލިކަން ކުޑަވެ، ހާސްވުމާއި ފިކުރު ބޮޑުވުމުން ދުރުކޮށްދޭނެއެވެ.

އެހީތެރިޔާގެ ދައުރަކީ ގިނަ ތުރާތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އެހީތެރިޔާ ކޮށްދޭ ކޮންމެ ކަމަކުން އެންމެ ރަނގަޅު ނަތީޖާ ނެރެން ބޭނުންވިކަމުގައިވީނަމަވެސް އެކަން އެގޮތައް ނުވާ ފަހަރުތައްވެސް އައިސްދާނެކަން ގަބޫލުކުރަން ޖެހެއެވެ.

އެހީތެރިޔާގެ ކިބައިން ހާސްވުމާއި ކަންބޮޑުވުން ފެންނަމަ ދެން ކަންތައް ކުރަންވީގޮތް ކޮންމެ އެހީތެރިއަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • އަމިއްލަ ނަފްސަށް ވަގުތު ހޯދައި ހިތްހަމަޖެހޭ ކަމެއްކުރުން
  • އަމިއްލަ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ޑޮކްޓަރަށް ދެއްކުން
  • އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި ގުޅުން ބަދަހިކުރުން
  • ހާސްވެ ކަންބޮޑުވާނަމަ އިތުބާރުކުރެވޭ ފަރާތަކާއި އެކަން ހިއްސާކުރުން

ބަލިމީހާއަށް އަޅާލުމުގައި ކިތަންމެ އަވަދިނެތިކޮށް އުޅުނުނަމަވެސް އެހީތެރިޔާގެ އަމިއްލަ ސިއްހަތާއިމެދު ވިސްނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އޭގެތެރޭގައި އެހީތެރިޔާގެ އަމިއްލަ ސިއްހަތު ބެލެހެއްޓުމަށް ގަވައިދުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކަސްރަތުކުރުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ. އެގޮތުން މެދުމިނެއްގެ ކަސްރަތެއް ކުރުމުންވެސް ހަށިގަނޑު ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދޭނެއެވެ. އެގޮތުން އެންމެ ފަސޭހަގޮތަކީ ވަގުތެއް ހޯދައިގެން ހިނގާލަން ދިއުމެވެ. 30 ނުވަތަ 40 މިނެޓް ހިނގާލެވިދާނެއެވެ. މިވަރަށްވެސް ވަގުތު ނުލިބޭނަމަ 10 ނުވަތަ 15 މިނެޓް ހިނގާލުމަކީވެސް ކުރެވިދާނެކަމެކެވެ.

ރަނގަޅު ކާނާ ކެއުމަކީވެސް އެހީތެރިޔާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. ނިންޖަކީ ގިނަފަހަރު ހޮސްޕިޓަލްގައި ބަލިމީހާއަށް އެހީތެރިވެދޭން އުޅުމުގެ ސަބަބުން އެހީތެރިޔާއަށް އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭ އެއްޗެކެވެ. އެހެންނަމަވެސް ހަމަ ނިދި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދާއިރުވެސް ނިންޖަށް ބުރޫ ނާރާފަދަ އަރާމު ނިންޖެއް ލިބޭނެ ފަދަ މާހައުލެއްގައި ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެހެން މީހުންގެ އެހީތެރިކަން ހޯދާށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ދެނެގަނެފައި ބެހެއްޓުމަކީވެސް ކުރެވިދާނެކަމެކެވެ. އެއިރުން އެހީތެރިކަމެއް ބޭނުންނަމަ ވަގުތުން އެހީ ހޯދޭނެއެވެ.