ޚަބަރު

ތޫނީސިޔާގެ ޤާނޫނުއަސާސީ ބަދަލުކުރަން ފެންނަނުފެންނަ ވޯޓެއް ނަގަނީ


ތޫނީސިޔާގެ ޤާނޫނުއަސާސީ ބަދަލުކުރަން ޢާއްމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެ ޤައުމުގެ ރައީސް ޤައީސް ސަޢީދު ނިންމަވައިފިއެވެ.

ތޫނީސިޔާގެ ޤާނޫނުއަސާސީ ބަދަލުކުރުމަށް ޤައީސްވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފައެވެ. ނަމަވެސް އެ މަސައްކަތުގައި އެ ޤައުމުގެ އިދިކޮޅު ފަރާތްތައް ބައިވެރިކޮށްފައެއް ނުވެއެވެ. ޤައީސްގެ އިރުޝާދުގެ ދަށުން އެކުލަވާލައި ތޫނީސިޔާގެ އައު ޤާނޫނުއަސާސީއާ ގުޅޭގޮތުން ޢާއްމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ހަމަޖައްސާފައިވަނީ ޖުލައި 25ވަނަ ދުވަހުއެވެ.

ފާއިތުވި ދުވަސްތަކުގައި ތޫނީސިޔާގެ އިންތިޚާބާބެހޭ ވުޒާރާވަނީ ޤައީސްގެ ބާރުގެ ދަށަށް ގެންނަވައިފައެވެ. އޭނާގެ ބާރުގެ ދަށަށް ތޫނީސިޔާގެ އިންތިޚާބާބެހޭ ވުޒާރާ ގެނެސްފައިވަނީ އެ ޤައުމުގައި އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އަޑުތައް ގަދަވެފައިވަނިކޮށެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތަކެއްގައި ޤައީސްވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައި ބޮޑުވަޒިރުގެ މަޤާމަށް އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތް ބޭފުޅަކު ޢައްޔަންކުރައްވައިފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޢަމުރުކުރައްވާފައިވަނިކޮށް އެ ޖަލްސާތައް ބާއްވަން މަސައްކަތްކުރުމުން އޭނާވަނީ އެ މަޖިލިސްވެސް އުވާލައްވައިފައެވެ. އޭގެ އިތުރުން ޤައީސްގެ ބާރުގެ ދަށަށް އެ ޤައުމުގެ ކޯޓުތަކާއި ފަނޑިޔާރުންވަނީ ގެނެސްފައެވެ، އެ ނިންމެވުންތަކަކީ ވެރިކަމުގެ ބާރުތައް އެއްކުރައްވައި ތޫނީސިޔާގައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމުކުރެއްވުމަށް ޤައީސް ކުރައްވައި މަސައްކަތްޕުޅެއްކަމަށް ބުނެ ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ.

ތޫނީސިޔާގައި ދިމީޤްރާޠީ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައި ފެތުރުނު ޢަރަބި ބަހާރުގެ ތެރެއިންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި އެކަށީގެންވާ ގޮތަކަށް ސަރުކާރެއް ހިންގިފައެއް ނުވެއެވެ. ތޫނީސިޔާގެ ރައީސްގެ މަޤާމާ ޤައީސް ޙަވާލުވެވަޑައިގެންފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ،