ޚަބަރު

ޔަހޫދީންނަށް އަޤްޞާގައި އަޅުކަން ނުކުރެވޭނެކަމަށް ކަނޑައަޅައިފި


މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންނުކުރެވޭނެކަމަށް ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކޮށްފައިވާ ޙުކުމު ބާޠިލުކޮށްފިއެވެ.

އަލްއަޤްޞާގައި އަޅުކަންކުރި ޔަހޫދީންގެ ތިން ޒުވާނަކަށް އިސްރާއީލުގެ ފުލުހުން ފިޔަވަޅުއެޅި މައްސަލާގައި ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އެއީ މަނާކަމެއް ނޫންކަމަށާއި އެއީ މުޖުތަމަޢުގެ ޞުލްޙައަށް ހުރަސްއެޅޭކަމެއް ނޫންކަމަށެވެ. އެއާއެކު އެ ޙުކުމާ ދެކޮޅަށް އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޤުދުސްގައި ބޮޑެތި އެއްވުންތަކެއް ބާއްވައި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.

ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުގެ ޙުކުމު އިސްތިޢުނާފުކުރުމުން ޤުދުސްގެ ޑިސްޓުރިކްޓު ކޯޓުން ބުނެފައިވަނީ އަލްއަޤްޞާ ހުންނަ ބިމަކީ ޔަހޫދީންނަށް ޚާއްޞަ ބިމެއްކަމަށް އިންކާރުކުރެވެން ނެތްކަމަށެވެ. ނަމަވެސް އިސްކަންދޭން ޖެހޭނީ ޢާއްމު މަސްލަހަތަށްކަމަށާއި އެހެންކަމުން އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންނުކުރެވޭނެކަމަށް ކަނޑައެޅީކަމަށެވެ. އެ ޙުކުމުގައި ބުނެފައިވަނީ ޔަހޫދީންނަށް އަލްއަޤްޞާ ހުންނަ ބިމަށް ޒިޔާރާތްކުރުމަށް ހުރަހެއް ނެތް ނަމަވެސް އެ ބިމުގައި އެއްވެސް އަޅުކަންނުކުރެވޭނެކަމަށެވެ.

1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި އިސްރާއީލުންވަނީ އަލްއަޤްޞާ ހުންނަ އިރުމަތީ ޤުދުސް އިސްތިޢުމާރުކޮށްފައެވެ. ނަމަވެސް އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރުން މަނާކުރުމަށް އިސްރާއީލުންވަނީ މުސްލިމުންނާ އެއްބަސްވެފައެވެ. އަދި އަލްއަޤްޞާގެ ބެލެނިވެރި ފަރާތަކީ އުރުދުންކަމަށްވަނީ ހަމަޖައްސައިފައެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި ހަރުކަށި ފިކުރުގެ އެތައް ހާސް ޔަހޫދީންނެއްވަނީ އަލްއަޤްޞާއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އަލްއަޤްޞާގައި ނަމާދުކުރަން ތިބި މުސްލިމުންނަށް އެތައް ފަހަރެއްގެމަތިން ޙަމަލާދީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގައިފައެވެ.