ޚަބަރު

ޕާކިސްތާނުގައި އަވަސް އިންތިޚާބެއް އިޢުލާނުކުރުމަށް 6 ދުވަހުގެ މުހުލަތެއް


ޕާކިސްތާނުގައި އަވަސް އިންތިޚާބެއް އިޢުލާނުކުރުމަށް ހަ ދުވަހުގެ މުހުލަތެއް ދީފިއެވެ.

ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމުރާނު ޚާނަށް ތާޢީދުކުރާ މީހުން މުޒާހަރާކުރުމުން އެ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އިމުރާން ޚާނުވަނީ އެ ޤައުމުގެ ވެރިރަށް އިސްލާމުއާބާދަށް ޖަމާވެ އަވަސް އިންތިޚާބެއް ބޭއްވުމަށް މުޒާހަރާކުރުމަށް އޭނާއަށް ތާޢީދުކުރާ މީހުންނަށް ގޮވާލައްވައިފައެވެ. އެއާއެކު އެތައް ހާސް ބަޔަކުވަނީ އިސްލާމުއާބާދާއި ރާވަލްޕިންޑީގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފައެވެ. އެ އެއްވުންތައް ރޫޅާލަން ޕާކިސްތާނުގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހައިފައެވެ. އަދި ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކުން އިސްލާމުއާބާދަށް މީހުން ޖަމާވުން ހުއްޓުވުމަށް އެ ރަށަށް ވަދެވެން އޮންނަ މަގުތައް ބަންދުކޮށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސްކުރާގެއާއި ސަރުކާރުގެ ވުޒާރާތަކާއި އެންބަސީތަކުގެ ސަލާމަތީ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ.

ޕާކިސްތާނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ކުރި މުޒާހަރާތައް ހުއްޓާލުމަށް އިމުރާނު ޚާނުވަނީ އަންގަވައިފައެވެ. އަދި އަވަސް އިންތިޚާބެއް އިޢުލާނުކުރުމަށް ސަރުކާރަށް ހަ ދުވަހުގެ މުހުލަތެއް އޭނާވަނީ ދެއްވައިފައެވެ. އަދި ހަ ދުވަހުގެ ތެރޭގައި އަވަސް އިންތިޚާބެއް އިޢުލާނުނުކޮށްފިނަމަ އަނެއްކާވެސް މަގުމައްޗަށް ޢާއްމުން ނުކުންނާނެކަމުގެ އިންޒާރު އޭނާވަނީ ދެއްވައިފައެވެ. މިދިޔަ އޭޕުރީލް މަހުގެ ތެރޭގައި އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ދުރުކޮށްފައިވާ އިމުރާނު ޚާނު ތުޙުމަތުކުރައްވައި ގޮތުގައި ބޮޑުވަޒީރުކަމުން އޭނާ ވަކިކުރުމުގެ ފަހަތުގައި އޮތީ އެމެރިކާގެ ސަރުކާރެކެވެ. އަދި އެ ޤައުމުގައި އިންތިޚާބެއް ބާއްވައިފިނަމަ އޭނާއަށް ތާޢީދުފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސުޕުރީމު ކޯޓުންވަނީ އިސްލާމުއާބާދަށް ވަދެވެން އޮންނަ މަގުތައް ހުޅުވާލައި އެ ރަށުގެ ހާމަ ތަނެއްގައި ޞުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ފުރުޞަތު ދިނުމަށް ޢަމުރުކޮށްފައެވެ. ނަމަވެސް އެތައް ހާސް ބަޔަކުވަނީ އިސްލާމުއާބާދުގެ މައި ސަރަޙައްދަށް ވަދެގަނެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެއާއެކު ޢާއްމުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ޕާކިސްތާނުގެ ސަރުކާރުން ތުޙުމަތުކޮށްފައިވާ ގޮތުގައި އިމުރާނު ޚާނު މަސައްކަތްކުރަނީ ސިޔާސީ މަންފާއެއް ޙާޞިލުކުރުމަށް ޤައުމުގެ ހަމަޖެހުން ނަގާލުމަށެވެ.