ޚަބަރު

ރަޝިޔާއިން ތެލާއި ގޭސް ފޯރުކޮށްދިނުމަށް ލަންކާއިން އެދެފި


ނާޒުކު އިޤްތިޞާދީ ޙާލަތެއްގައި އޮތް ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭސް ހޯދުމަށް ރަޝިޔާގެ އެހީތެރިކަމަށް އެދެފިއެވެ.

ސުރީ ލަންކާގައި ހުންނަ ރަޝީޔާގެ އެންބަސީން ބުނެފައިވަނީ ތެލާއި ގޭސް ހޯދުމަށް ސުރީ ލަންކާގެ ސަރުކާރުން އެދިފައިވާކަމަށާއި އެ ޤައުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. ނަމަވެސް ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދެވޭނެ ދުވަހެއް ރަޝިޔާއިން ބުނެފައެއް ނުވެއެވެ. ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ގޭސް ވިއްކާ ޤައުމެވެ. އަދި އެއީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ތެޔޮ ވިއްކާ ޤައުމެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން އެ ޤައުމަށް ބޭނުންވާ ތެލާއި ގޭސް ހޯދުމަށް ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާން ޖެހިފައެވެ. ކޯވިޑް-19އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ގިނަ ދުވަސްތަކަކަށް ސުރީ ލަންކާގެ ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަމުގެ ނިޒާމު ހުއްޓުމަކަށް އައިސް ބޭރު ފައިސާ ލިބޭނެ މަގުތައް ބަންދުވެ ތެލާއި ގޭހާއި ބޭހާއި ކާބޯތަކެތި ގަތުމަށްވަނީ ހުރަސްއެޅިފައެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ރަޙުމަތްތެރި ޤައުމުތަކުގެ އެހީތެރިކަމަށްވަނީ އެދިފައެވެ. އެ ގޮތުން އަވަށްޓެރި އިންޑިޔާއިންވަނީ ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭހާއި ގޮދަން ފޯރުކޮށްދޭން ފަށައިފައެވެ. ނަމަވެސް ދެމެހެއްޓެނެވި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ސުރީ ލަންކާއިންވަނީ މަޝްވަރާކުރަން ފަށައިފައެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އިންތިޤާލީ ބަޖެޓެއް ފާސްކުރަން ހުށަހެޅުމަށް އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ނިންމަވައިފައެވެ. އިންތިޤާލީ ބަޖެޓުގައި އިސްކަންދޭނީ ތަރައްޤީއަށް ކުރަމުންދާ ޚަރަދުތައް ކުޑަކޮށް އެ ފައިސާ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް ހޭދަކުރުމަށްކަމަށް ރަނިލް ވިދާޅުވެފައިވެއެވެ. އަދި ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް ޢާއްމު ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް ބޮޑު ހޭދައެއް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ކުރުމަށް ނިންމަވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އޭނާވަނީ މާލީ ވަޒީރުގެ މަޤާމުގެ ހުވައިކުރައްވައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ މަޝްވަރާކުރުމުގެ މަސްޢޫލިއްޔަތާވެސް ޙަވާލުވެވަޑައިގެންފައެވެ.