ޚަބަރު

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން: މިނިސްޓަރ އަމީރު


ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ދަނީ ދަށްވަމުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއިން ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން މަތިވަމުން ދިޔުމާއި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔުމާއި އެކު، ދަރަނި ނަގާ މިންވަރުވެސް ދަށްވެ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަނީ ދަށްވަމުން ކަމަށެވެ.

"ދަރަނި ނަގާ މިންވަރު ދަށްވަމުން ދަށްވަމުން ދިޔުމާއި އެކު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިދަނީ ދަށްވަމުން, ދަރަނި ނުދެއްކުމުގެ އެއްވެސް ރިސްކެއް ނެތް، ބަރާބަރަށް މެނޭޖްކުރަމުން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދަރަނި މެނޭޖްކުރުމުގައި ސަރުކާރުން ނަގާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރެއްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ސަރުކާރުން ސުކޫކު ވިއްކުމުގައި ލައިބިލިޓީ މެނޭޖްމަންޓު އެކްސަރސައިޒެއް ހިންގުމަށްފަހު ދަރަނި ރި-ސްޓްރަކްޗަރކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަންނަ ޖޫންގައި އެހެން ނޫންނަމަ ދައްކަން ޖެހޭނެ 250 މިލިއަން ޑޮލަރު، ސަނީ ސައިޑު ބޮންޑަށް، އެއްފަހަރާ، އެކަމަކު ކުރިއާލައި ރާވައިގެން މިދިޔަ އަހަރު ގާތްގަނޑަކަށް އެއަށް 192 މިލިއަން ޑޮލަރު މިދެއްކީ، ބާކީ 58 މިލިއަން ޑޮލަރާއި، އިންޓަރެސްޓު ޕޭމަންޓާއި އެއްކޮށް ޖޫން ފަސްޓްވީކުގައި ޕޭކުރާނަން 62 މިލިއަން ޑޮަލަރު، އޭގެ ފައިސާ އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދަރަނި ދެން އެންމެ ބޮޑަށް އުފުލިގެންދާނީ 2026 ވަނަ އަހަރުކަމަށެވެ. އަދި އެހާތަނަށްވެސް ދަރަނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އެހެން ނަމަވެސް ކައިރި މުސްތަޤްބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތް ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދާއި މާލީ ހާލަތާއި ގުޅޭގޮތުން ބިރު ގަންނަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ސަރުކާރުން ވިދާޅުވާއިރު، ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތައްކަމަށްވާ، އިންޓަރނޭޝަނަލް މަނިޓަރ ފަންޑު، އައިއެމްއެފް އަދި ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖޭގެ އިޤްތިޞާދަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަން ފާހަގަކޮށްފައެވެ. އަދި މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، އެތައް ގުނައެއް ބާރަށް ކުރިއަރައިގެންދާނެކަމަށް މާލީ އިދާރާތަކުން ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.

މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ކޯވިޑަށްފަހު އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަކީ ކޯވިޑްގެ ހާލަތުގައި ރައްޔިތުންނާއި އިޤްތިޞާދު ސަލާމަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ.