ސުރީ ލަންކާގެ މާލީ ވަޒީރުގެ މަޤާމުގެ ހުވައިކުރައްވައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ މަޝްވަރާކުރުމުގެ މަސްޢޫލިއްޔަތާ އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ޙަވާލުވެވަޑައިގެންފިއެވެ.
ސުރީ ލަންކާގެ ރިޔާސީ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލީ ވަޒީރުކަމުގެ ހުވައި އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި ރަނިލް ކުރައްވާފައިވާކަމަށެވެ. އެއާއެކު ޤައުމަށް އިޤްތިޞާދީ ހަމަޖެހުން ގެނެސް ސަރުކާރުގެ މާލީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެންމެ އިސްކޮށް ހުންންވާނީ ރަނިލްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ މަޝްވަރާކުރަން ފަށައިފައެވެ. އެ ގޮތުން އެ ޤައުމަށް ބޭނުންވާ ޒަރޫރީ ސާމާނު ގަތުމަށް އެހީތެރިވުމަށް ވޯލްޑު ބޭންކުންވަނީ 130 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސާދީފައެވެ. ނަމަވެސް އިތުރު ފައިސާ ހަމަޖެއްސޭނީ ސުރީ ލަންކާގެ އިޤްތިޞާދީ ސިޔާސަތުތައް ހަރުދަނާކުރުމުންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމުއެފުންވެސްވަނީ އެކަށީގެންވާ އެހީތެރިކަމެއް ބޭނުންނަމަ ސިޔާސަތުތަކަށް ބަދަލުގެނައުމަށް އަންގައިފައެވެ.
މީގެ ދެ ހަފުތާ ކުރިން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތް ރަނިލް ވިދާޅުވީ އިންތިޤާލީ ބަޖެޓުގައި އިސްކަންދޭނީ ތަރައްޤީއަށް ކުރަމުންދާ ޚަރަދުތައް ކުޑަކޮށް އެ ފައިސާ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް ހޭދަކުރުމަށެވެ. އަދި ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް ޢާއްމު ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް ބޮޑު ހޭދައެއް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ކުރުމަށް ނިންމަވާފައިވާކަމަށްވެސް ރަނިލް ވިދާޅުވިއެވެ. ނަމަވެސް ޞިއްޙީ ދާއިރާފަދަ ސީދާ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ޚަރަދު ކުޑަކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.