ވިޔަފާރި

އެގްރޯނެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޖުލައިމަހު ނިމޭނެ!


އެގްރޯނެޓުން ރާއްޖޭގެ 9 ސަރަހައްދެއްގައި ޤާއިމްކުރާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޖުލައި މަހުގެ ތެރޭގައި ނިމޭނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ކުންފުނިން މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުގެ ދަނޑުވެރިންނާއިއެކު ދަނޑުވެރިކަން ކުރަން ފަށާފައެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓުން ގަނެ އަންނަނީ ވިއްކަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް ހަސަން އަފްސަލް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮންނަ ގޮތުން އެކި ސަރަހައްދުގައި ހައްދާ ތަކެތި ގެންނަންޖެހެނީ ސީދާ މާލެއަށްކަމަށެވެ. އެހެންނަމަވެސް އެގްރޯނެޓްގެ ވިސްނުން ހުރީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ހަދައި އެ ސަރަހައްދުތަކުގެ މާކެޓްތަކަށް އެތަންތަނުން ޑިސްޓްރިބިއުޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ.

މި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި ކޯލްޑް ސްޓޯރޭޖްތަކަކާއި އޮފީސް ބަޔަކާއި، ކޯލްޑް ސްޓޯރޭޖް ނޫން ގޮތްތަކަށް ތަރުކާރީއާއި މޭވާ ރައްކާކުރެވޭނެ ގޮތްތައް ހުންނާނެއެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ތަފާތު އާލާތް ރައްކާކުރެވޭނެ އިންތިޒާމްތައްވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ތެރެއިން 2 ތަން މިހާރު ވަނީ ނިމިފައިކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ޖުލައިމަސް ނިމެންވާއިރަށް ހުރިހައި ސެންޓަރުތަކެއް އިރާދަކުރެއްވިއްޔާ ނިމިފައި ހުންނާނެ. މިހާރުވެސް އެއްތަން ފުލީ ފަންގްޝަނަލް އެބަވޭ. އަނެއްތަނަށް މިހާރު ކުންފުނިންވީ ހަވާލުވެ. ދެންހުރި ތަންތަން ޖުލައި ނިމެންވާއިރަށް ފަންގްޝަނަލް ވާނެކަމަށް މިބަލަނީ." އަފްޒަލް ވިދާޅުވިއެވެ.

އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ. އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރާ 9 ރަށުގެ ތެރޭގައި ހިމެނެނީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، ސ.ހުޅުމީދޫގައެވެ.