ޚަބަރު

ލާމަރުކަޒީ ސިޔާސަތުގެ "ފަނޯއްލަ ދަރުބާރު" ހުކުރު ދުވަހު އުކުޅަހުގައި


ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާ ގުޅޭގޮތުން ބާއްވަމުންދާ ސެމިނާތަކުގެ ތިންވަނަ ސެމިނާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. އއ.އުކުޅަހުގައި ބާއްވާ މިސެމިނާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ލާމަރުކަޒީ ރާއްޖެ މި ޝިޔާރުގެ ދަށުން، "ފަނޯއްލަ ދަރުބާރު" މި ނަމުގައި ކުރިއަށްގެންދާ މި ސެމިނަރ ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މިސެމިނާގައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި، ޤާނޫނަށް އަހުލުވެރި ކުރުމުގެ ގިނަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ސެމިނާގައި ވަޒީރުންނާއި ކަމާގުޅުންހުރި ތަޖުރިބާކާރުން މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފައެވެ. ނަމަވެސް ޤާނޫނުގެ ތެރެއިން މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައިވާ ދަތިތަކެވެ.

ރަށްރަށުގެ ތަރައްޤީގެ ކަންކަމާއިވެސް ގުޅިފައިވާ އެންމެބޮޑު އެއް ބަޔަކީ ލޭންޑް ޔޫސް ޕްލޭނަށްވާއިރު މިމަސައްކަތްތައް މިހާރުވެސް ލަސްވެފައިވުމަކީ ރަށްރަށުގެ ކައުންސިލްތަކަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެލްޖީއޭއިން މިހާރު މަސައްކަތް ކުރަމުންދަނީ، ބޭރުގެ އެކި ފަރާތްތަކުގެ މާލީ އެހީތެރިކަމާއިއެކުގައިވެސް މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އޭރުގެ ސަރުކާރުން ޤާނޫނަށް ގެނައި ބަދަލުތަކާއި، ހިފެހެއްޓިފައިވާ އެންމެހައި ބާރުތައް ދޫކޮށްލުމަށް ޤާނޫނަށް ގެންނަންޖެހޭ މަޝްވަރާތައް ފެށްޓެވީ "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ބޭއްވި ޚާއްސަ ފޯރަމުންނެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ދެއްވި އެކި ޚިތާބުތަކުގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ ވާހަކައެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅު ތަކުގައިވެސް އެމަނިކުފާނުވަނީ ހަގީގީ ތަރައްޤީއާއި ހަމައަށް ވާސިލްވުމަށް މި ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްތަކެއްއްގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ސަރުކާރުން ވަނީ މަޖިލީހަށް ބިލް ހުށަހަޅާފައެވެ.

ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއިއެކު މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤު ކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހެއެވެ.

ލާމަރުކަޒީ ނިޒާމަށް މިއަހަރު 13 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ. މިކަން ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ފަދައިން މިހާރު ކައުންސިލްތަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. އޮތީ ރައްޔިތުން އެދޭފަދަ ތަރައްޤީ ހާސިލްކޮށް ދިނުމަށް މަސައްކަތް ކުރުމެވެ.