ޚަބަރު

ފަސްވަނަ އަމާން ވެށި މަނަދޫގައި ހުޅުވައިފި


ނ.މަނަދޫ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ޤާއިމްކުރި "އަމާންވެށި" މިއަދު ހުޅުވައިފިއެވެ.

މަނަދޫގައި ހުޅުވި އަމާން ވެއްޓަކީ ރާއްޖޭގެ މިހާތަނަށް ހުޅުވި 5ވަނަ އަމާންވެއްޓެވެ. މި އަމާންވެއްޓަށް ހުޅުމާލެ "ފިޔަވަތީގައި" ތިބި 9 ކުއްޖަކު ވަނީ ބަދަލުކޮށްފައެވެ. އެއީ ހުސް އަންހެން ކުދިންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މި ސެންޓަރުގެ ކެޕޭސިޓީއަކީ 10 ކުދިން ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކުރާ އަމާން ވެށިތަކަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތެއްދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ޤާއިމްކުރާ ތަންތަންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ހެދިބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ހޯދައިދިނުމަކީވެސް މިކަމުގެ ބޭނުމެކެވެ.

އެންމެ ފުރަތަމަ އަމާންވެށި ހުޅުވީ އޭދަފުށީގައެވެ. މަނަދުއާއި އޭދަފުށީގެ އިތުރުން ދެން އަމާވެށި ޤާއިމްކޮށް ފައިވާ ރަށްތަކަކީ ފުވައްމުލައްސިޓީ، ށ.ފުނަދޫ އަދި ހއ.ދިއްދޫއެވެ.