ޚަބަރު

އެއްވެސް ކައުންސިލަކަށް ބޭނުންވާ މުވައްޒަަފުން ނެގުމަށް ހުރަސް ނާޅަން: ސީއެސްސީ


ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ގޯދުމަށް ސިވިލްސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ނުދޭކަމަށް ވުނެ ދެކެވެމުންދާ ވާހަކަތަށް ސިވިލްސާވިސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

އެކޮމިޝަނުން މިކަން ހާމަކުރެއްވީ އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުތަކާ ގުޅޭ ގޮތުންނާއި އެ އިދާރާތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހުއްދަ ނުދޭކަމަށްބުނެ، އޮޅުންއަރާ ގޮތަށް ދެކެވެމުންދާ ވާހަތަކާގުޅިގެން ނެރުނު ބަޔާނުގައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމުގެ ކުރިން އެކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް ވާނީ އަންގަވާފައިކަމަށެވެ. އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމުގައި ދަންނަވާފައިވާނެކަމަށްވެސް ސީއެސްސީން ވިދާޅުވެއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ކަމަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާނަމަ، ކަމާގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް، ކަނޑައެޅިފައިވާ ޤަވާއިދާއި އުޞޫލުތަކުގެ ތެރެއިން އެ ކޮމިޝަނުން ދަނީ ހުއްދަ ދެމުން ކަމުގައިވެސް ސީއެސްސީން ވިދާޅުވެއެވެ. އަދި، ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުޞޫލެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެން އެކުލަވާލައި އާންމުކުރެވިފައިވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އެ އުޞޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެކެވެ. އޮނިގަނޑު ފާސްނުވިކަމުގައި ވީނަމަވެސް، ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދު ކުރެވެންހުރި ނަމަ، ކަނޑައަޅާފައިވާ ޤަވާއިދާއި އުޞޫލުތަކުގެ ތެރެއިން ހުއްދަ ދެމުން ދާކަމަށްވެސް ސިވިލްސާވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.