ޚަބަރު

މައްސަލަތަކަށް އިސްކަންދޭނެ އުސޫލު ޢާއްމުކޮށްފި


އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

މި އުޞޫލުގެ ދަށުން އޭސީސީއަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުޙަލާތަކާއި، ޢާންމު އުޞޫލެއްގެ ގޮތުން ޚާއްސަ އިސްކަމެއް ދީގެން މައްސަލަ ތަޙުޤީޤުކުރުމަށް ނިންމާނެ ޙާލަތްތައް ކަނޑައަޅާފައި ވެއެވެ.

މި އުޞޫލަކީ އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަޤީންކުރުމަށެވެ. އަދި މައްސަލަތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރެވެނީ ޖަވާބުދާރީކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

މިއުސޫލުގައި ހިމެނޭ މައްސަލަތަކަށް އިސްކަންދެވޭ މަރުހަލާތަކުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީގެން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ވަކި މިއްދަތެއްގެ ކުރިން ނުވަތަ ވަކި އަވަހަށް ކޮމިޝަނުން ތަހުގީގް ނުނިންމައިފިނަމަ، ދައުލަތަށް އިޔާދަނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިޚްމާލު އޮންނަ މައްސަލަތަކާއި، މުޖުތަމައުގެ އާންމު މަސްލަހަތާއި ގުޅިފައިވާ މައްސަލަތަކެވެ. މީގެ އިތުރުން ހެކި ނައްތާލަފާނެ ކަމުގެ އިހުމާލުވުން އޮތް މައްސަތައްވެސް ހިމެނެއެވެ.

މިއުސޫލުގެ އެންމެ ބޮޑު މަޤްޞަދަކީ ވަކި މައްސަލައަކަށް އިސްކަންދީގެން ތަޙުޤީޤުކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތަޢައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުމެވެ.