ޚަބަރު

ވީ.އައި.އޭއިން ، މިއަދު ހަވީރު 5:00އިން ފެށިގެން 1 ގަޑިއިރަށް ކަރަންޓު ކަނޑާލަނީ!


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ހަވީރު 5:00އިން ފެށިގެން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަން ނިންމާފައިވާކަމަށް، އެއަރޕޯޓް ހިންގާ ކުންފުނި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ވިދާޅުވެއްޖެއެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، މިއަދު ހަވީރު އެއް ގަޑިއިރަށް އެއަރޕޯޓުން ކަރަންޓް ކަނޑާލަން ނިންމީ، ކޮންމެހެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށްކަމަށެވެ. އެއަރޕޯޓުގައިވެސް ކަރަންޓުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ގްރޭޓަރ މާލޭ ޕަވަރ ގްރިޑް މެދުވެރިކޮށެވެ.

މިއަދު ފަތިހު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓު ކެނޑިގެންދިޔައެވެ. އެމް.އޭ.ސީ.އެލުން ވިދާޅުވީ، މިއަދު ހަވީރު 5:00އިން 6:00އަށް ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ، ސްޓެލްކޯގެ ޓީމާއެކު އެމްއޭސީއެލްގެ ކަރަންޓް ނެޓްވޯކާއި، ގްރޭޓަރ މާލޭ ކަރަންޓް ނެޓްވޯކް ސިންކްރޮނައިޒް ކުރުމަށްޓަކައެވެ. އަދި މިކަން ކުރެވެން އޮތީ މުޅި އެއަރޕޯޓުގެ ޕަވަރ ޕްލާންޓް އެއްކޮށް ޝަޓްޑައުންކޮށްގެންކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، ކަރަންޓް ކަނޑާލާ ވަގުތުގައި އެއަރޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް ވަގުތީގޮތުން ހުއްޓުމަކަށް އަންނާނެކަމަށެވެ. ގްރޭޓަރ މާލޭ ޕަވަރ އިންޓަރކަނެކްޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު މެންދުރުވެސް ވަނީ އެއަރޕޯޓު ވީ.އައި.އޭއިން ކަރަންޓު ކަނޑާލާފައެވެ.