ޚަބަރު

ޒަކާތު ކޮމިޝަންގެ ނަމުގައި އައު އިދާރާއެއް އުފައްދަވަނީ


ރާއްޖޭގައި ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ޒަކާތު ކޮމިޝަންގެ ނަމުގައި ޚާއްސަ އިދާރާއެއް އުފެއްދެވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. މިފަދަ ކޮމިޝަނެއް އެކުލަވާލެއްވުމުން ޒަކާތާއި ގުޅޭ އެންމެހައި ކަންކަން ދެފުށްފެންނަ ގޮތަށް މިނިވަން ކަމާއިއެކު ކުރެވިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓަރުގެ ނައިބު އިބްރާހީމް އަހުމަދު ވިދާޅުވީ މި ކޮމިޝަން މިއަހަރުގެ ތެރޭގައި ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޒަކާތާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުވަމުންދާއިރު، ރަގަޅު ނިޒާމެއްގެ ތެރެއިން ޒަކާތާއި ގުޅޭ ކަންކަން ކުރިއަށްގެންދިއުމަކީ މުހިންމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިބްރާހީމް އަހުމަދު ފާހަގަަކުރެއްވި ގޮތުގައި ޒަކާތުގެ ގޮތުގައި ލިބެމުންދާ ފައިސާގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަދި ޒަކާތް ނަގާ މީހުންގެ އަދަދުތައް ދަށްވަމުންދާ ކަމަށްވެސް މިނިސްޓަރުގެ ނައިބު އިބްރާހީމް އަހުމަދު ވިދާޅުވިއެވެ. ޒަކާތަށް ލިބޭ ފައިސާގެ ތެރެއިން ބެހެނިވެރިންނަށް ބެހުމަށްފަހު، ޒަކާތު ފަންޑުގެ ދަށުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމާއިގުޅޭ އެތައްކަމެއް ހިންގަމުންދާއިރު، ޒަކާތު ކޮމިޝަން އުފެދުމަކީ އެކަންކަން ހަރުދަނާކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ޒަކާތު ފަންޑުން ވަނީ 20 މިލިއަން ރުފިޔާ، 34 ތެލަސީމިއާ ފަރާތެއްގެ ބޯން މެރޯ ހެދުމަށް ފާއިތުވި 2015 ވަނަ އަހަރު ހޭދަކުރައްވާފައެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުން އުފެއްދުމަށް 10 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވެއެވެ. މަތީ ތަޢުލީމު ހާސިލް ކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅައި، އޭގެ ތެރެއިން 1 މިލިއަން ރުފިޔާ ވަނީ އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. މީގެ އިތުުރުން މިދިޔަ ރަމަޟާން މަހަށް މިސްކިތްތައް މަރާމާތު ކުރުމަށްވެސް ޒަކާތު ފަންޑުން ހޭދަކުރައްވާފައިވެއެވެ.