ސިއްހަތު

ކޯވިޑާއި ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތައް އެހެން ޤައުމުތަކުން މިސާލަކަށް ނަގަންޖެހޭ: ނަސީމް


ދިވެހިރާއްޖެއިން ކޯވިޑް-19 މެނޭޖްކޮށް، މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތް، ދުނިޔޭގެ ޤައުމުތަކުން މިސާލުނަގަންޖެހޭކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިފަދައިން ވިދާޅުވީ، ސްވިޒަރލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ތަޤުރީރު ކުރައްވަމުންނެވެ.

75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީއަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ހެލްތު ފޯ ޕީސް، ޕިސް ފޯ ހެލްތު" ނުވަތަ ޞުލްޙައަށްޓަކައި ޞިއްޙަތު އަދި ޞިއްޙަތަށްޓަކާ ޞުލްޙަ" އެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ތަޤްރީރުކުރައްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ދުނިޔޭގެ ޞުއްލަޙައަށް ނުރައްވާފަދަ ގިނަ ކަންތައްތަކެއް ދުނިޔޭގެ އެތަން މިތަނުގައި ހިނގަމުންދާކަމަށެވެ. ވަކިން ޚާއްސަކޮށް އަސްކަރީ ޙަމަލާތަކާއި، ހަނގުރާމަތައް އިތުރުވަމުންދާއިރު، މިއީ މުޅި އިންސާނިއްޔަތަށްވެސް އެކަމުގެ ނުރައްކާ އިންތިހާއަށް އޮތް ބިރުވެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތައް ހަނގުރާމައިގެ ޙާލަތުގައި ނެތްނަމަވެސް، މޫސުމީގޮތުން އަންނަ ބަދަލުތަކާއި، ކޯވިޑް-19 ޕެންޑަމިކާދެކޮޅަށް އަދިވެސް ގިނަ ޤައުމުތަކަކުން ހަނގުރާމަ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އަސްކަރީ ހަމަނުޖެހުންތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ބުރުއަރަމުންދާކަމަށެވެ. އަދި ކޯވިޑް-19އާއެކު މި ޙާލަތު އިތުރަށް ގޯސްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޒަމާނުންސުރެއް ވަރަށް ސުލްޙަވެރި އަމާން ޤައުމެއްކަމަށެވެ. އަދި ސަރަހައްދީ ޤައުމުތަކާއި، ދުނިޔޭގެ އެކި ބައްރުތަކުގެ ޤައުމުތާއެކުވެސް ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށެވެ.

ރާއްޖެ ފާހަގަކުރެވިފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ކާމިޔާބު ނަތީޖާތަކެއް ނެރުނު ޤައުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭން އެޅި ހަރުދަނާ ފިޔަވަޅުތަކަކީ ދުނިޔޭގެ ޤައުމުތަކުން ވަކިން ޚާއްސަކޮށް އަދިވެސް މި ބަލިމަޑުކަމުން އަރައިނުގަނެވިވާ ޤައުމުތަކުން މިސާލެއްގެގޮތުގައި ބަލަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމުގައި ކަމުގެ ތަޖުރިބާކާރުންނާއި، ޞިއްޙީ މާހިރުންގެ ލަފާޔާ އިރުޝާދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެޅުއްވި ފިޔަވަޅުތަކުގެ ހެޔޮ އަސަރު ރާއްޖޭން ފެންނަމުންދާކަން މިނިސްތަރގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ. ކޯވިޑް-19ގެ ޙާލަތު މެނޭޖްކުރުމުގައި ރާއްޖެއަށް ކާމިޔާބުލިބުންނަމަވެސް، ތިމާވެށީގެ ރޮނގުން ގިނަ ގޮންޖެހުންތަކަކާ ރާއްޖެއާއި ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކުން ކުރިމަތިލާން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ވޯރލްޑް ހެލްތު އެސެމްބްލީގެ ޝިއާރާއި ގުޅުވާ މިނިސްޓަރ ވިދާޅުވީ، ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުމަށް ދިރިއުޅުމަށް ރާއްކާތެރި މާޙައުލެއް ޤާއިމުވާންޖެހޭކަމަށެވެ. އަދި ރައްކާތެރި މާޙައުލެއް ކަށަވަރުކުރެވިގެން މެނުވީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމުގެ ފުރުޞަތު ނުލިބޭނެކަމަށާއި، މޫސުމަށް އަންނަ ކޮންމެ ބަދަލަކީވެސް އެކަމުގެ ސީދާ އަސަރާއި ނުސީދާ އަސަރުވެސް އިންސާނުންގެ ދިރިއުޅުމަށް ކުރާނެކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.