ނާޒުކު އިޤްތިޞާދީ ޙާލަތެއްގައި އޮތް ސުރީ ލަންކާގެ މާލީ ވަޒީރުކަން ޢަދާކުރައްވާނީ އެ ޤައުމުގެ ރައީސް ގޮތަބަޔާ ތާޖަޕަކްސަކަމަށް ނިންމައިފިއެވެ.
ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ކަންޗަނާ ވިޖެސެކަރަ ވިދާޅުވީ މާލީ ވަޒީރުކަން ގޮތަބަޔާ ޢަދާކުރައްވާނީ އެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެންކަމަށެވެ. މެއި މަހުގެ 9ވަނަ ދުވަހު އެ ޤައުމުގެ ސަރުކާރު އިސްތިޢުފާދިންފަހުން އެ މަޤާމު އޮތީ ހުސްކޮށެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޞަބްރީވަނީ އަލުން އެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ތަކުރާރުކޮށް ދެކޮޅުހައްދަވައިފައެވެ. ބެލެވޭ ގޮތުގައި ގޮތަބަޔާ ބޭނުންފުޅުވަނީ އިދިކޮޅު ސަމާގީ ޖާނާ ބަލަވެގަޔާ، އެސްޖީބީއަށް ނިޞްބަތްވަޑައިގަންނަވާ ހާޝާ ދި ސިލްވާ މާލީ ވަޒީރުގެ ގޮތުގައި ޢައްޔަނުކުރެއްވުމަށެވެ. ނަމަވެސް އޭނާވަނީ ސަރުކާރާ ގުޅެން ދެކޮޅުހައްދަވައިފައެވެ.
ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހަށް 20 މެންބަރުންވަނީ ޢައްޔަނުކޮށްފައެވެ. އެ ގޮތުން ޞިއްޙަތާބެހޭ ވުޒާރާއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މަސްވެރިކަމާބެހޭ ވުޒާރާއާއި ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ޢާއްމު ދަތުރުފަތުރާބެހޭ ވުޒާރާއާއި ފެނާބެހޭ ވުޒާރާއަށްވަނީ ވަޒީރުން ޢައްޔަނުކޮށްފައެވެ. ގިނަ ވުޒާރާތަކަކަށް ވަޒީރުން ޢައްޔަނުކުރުމަށްފަހު އެ ޤައުމުގެ ސަރުކާރުންވަނީ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.
ސުރީ ލަންކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށްކަމަށް ބުނެ އެ ޤައުމުގައި ވިއްކާ ތެލުގެ އަގުވަނީ ބޮޑުކޮށްފައެވެ. އެ ނިންމުމުގެ ސަބަބުން އަނެއްކާވެސް އެ ޤައުމުގެ ތަކެތީގެ އަގަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ތެލުގެ އަގަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ޕެޓުރޯލުގެ އަގުވަނީ %24-20އަށް ބޮޑުކޮށްފައެވެ. އަދި ޑީސަލުގެ އަގުވަނީ %38-35އަށް ބޮޑުކޮށްފައެވެ. އޭގެ އިތުރުން ސުރީ ލަންކާގައި ތެޔޮ ވިއްކާނީ ކޮންމެ މީހަކަށްވެސް ވަކި މިންވަރަކަށްކަމަށްވަނީ ނިންމައިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ސުރީ ލަންކާގެ ޕެޓުރޯލުގެ އަގުވަނީ %259އަށް އުފުލިފައެވެ. އަދި އެ ޤައުމުގައި ވިއްކާ ޑީސަލުގެ އަގުވަނީ %231އަށް އުފުލިފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ ތަކެތީގެ އަގަށްވަނީ ބޮޑު ބަދަލެއްގެ އައިސްފައެވެ. އެ ގޮތުން މިދިޔަ އޭޕުރީލް މަހުގެ ތެރޭގައި ތަކެތީގެ އަގު %33.8އަށް އުފުލުނުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.