ޚަބަރު

ރާއްޖެއިން މީގެކުރިން ނުފެންނަ ވައްތަރެއްގެ ދޫންޏެއް ފެނިއްޖެ


ރާއްޖެއިން މިހާތަނަށް ނުފެންނަ ވައްތަރުގެ އާ ދޫންޏެއް ފެނިފައިވާކަމަށް އެންވައިރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ، އީޕީއޭއިން ބުނެފިއެވެ.

މި ދޫނި ފެނުނީ ލ.އަތޮޅު ހިތަދޫއިންނެވެ. އިނގިރޭސި ބަހުން ވައިޓް ސްޓޯކް ނަމަކަށް ކިޔާ މި ދޫންޏަށް މިހާތަނަށް ދިވެހި ނަމެއް ދީފައެއްނުވެއެވެ. މި ދޫނި ފެނިފައިވަނީ މި އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މާކަނާ އާއި އިރުވައިހުދުގެ ބައްޓަމަށް އިންނަ މި ދޫނީގައި ހުންނަނީވެސް މި ދޫންޏާ އެއްގޮތް ކުލަތަކެކެވެ. ރާއްޖެއިން ފެނުނު މި ދޫނީގެ ބޮލާ ހަށިގަނޑުގައި ހުންނަނީ ހުދު ކުލައެވެ. އަދި ފިޔަގަނޑުގެ ވަކި ހިސާބެއްގައި ކަޅު ކުލަހުރެއެވެ.

މި ދޫންޏަކީ ވަަރަށް މަދު ފެންނަ ދޫންޏެކެވެ. އާންމުކޮށް ފިނި މޫސުމަށް މި ސަަރަހައްދުގެ ދެ ގައުމުކަމަށްވާ އިންޑިއާއާއި ސްރީލަންކާއިން މި ދޫނި ފެންނަކަމަށް އީޕީއޭއިން ވިދާޅުވެއެވެ. އެެހެންނަމަވެސް މީގެކުރިން ރާއްޖެއިން މި ދޫނި ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މި ދޫންޏަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު އޮތް ދޫންޏެކެވެ. އެހެންކަމުން މިއީ ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ލިސްޓްގައި ހިމެނޭ ދޫންޏެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ހިޖުރަކުރާ ދޫނިތަކާއި، ރަށްރަށުގައި އާންމުކޮށް އުޅޭ ދޫނިތައް ހިފައި ގެންގުޅުމާ އެ ދޫނިތަކަށް ގޯނާކޮށް ހެދުމަކީ މަނާކަމެކެވެ.