ކުޅިވަރު

ދެވަނަ ޓީމުގެ ގޮތުގައި އޮއްފު އެފްސީ ފައިނަލް ބުރަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ކޮލިފައިންގެ ފަހު މެޗުގައި އައްޑޫ ސްޕޯޓްސްކުލަބު ބަލިކޮށް، ފައިނަލް ބުރަށް އޮއްފު އެފްސީ ކޮލިފައިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެރޭ ކުޅުނު ކޮލިފިކޭޝަނުގެ ފަހު މެޗު އޮއްފު އެފްސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު އޮއްފު އެފްސީން ވަނީ ފަސޭހަކަމާއެކު 25-19 އަދި 25-16 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި އައްޑޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ތަފާތު ރޫހެއްގައި ކުޅުނުއިރު، ވާދަވެރި ކުޅުމަކަށްފަހު މި ދެ ސެޓު އައްޑޫ ސްޕޯޓްސް ކްލަބުން ގެންދިޔައީ 27-24 އަދި 25-21 އިންނެވެ. މި މެޗުގެ ފަހު ސެޓުގައިވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މި ސެޓު އޮއްފު އެފްސީން ކާމިޔާބުކުރީ 17-15 އިންނެވެ.

މި ނަތީޖާއާއެކު އޮއްފު އެފްސީން ފައިނަލް ބުރަށް ކޮލިފައިވީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ، ކޮލިފިކޭޝަނުގައި އޮއްފު އެފްސީން ބަލިވީ ކުލަބު ވެމްކޯ އަތުން އެކަންޏެވެ.

މީގެ އިތުރުން ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ވެމްކޯއިން ވަނީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ، 25-10، 25-12 އަދި 25-22 އިންނެވެ.

މި މެޗަށް ނުކުތްއިރުވެސް ވެމްކޯ ވަނީ ފައިނަލް ބުރަށް ކޮލިފައިވެފައެވެ. ލީގު އުސޫލުން ކުރިއަށްދިޔަ ޕްރިލިމިނަރީ ބުރު ފަހަނަ އަޅައި، އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރުން ވެމްކޯ އާއި އޮއްފު އެފްސީ ޖާގަ ހޯދިއިރު، އެ ދެ ޓީމަށް ވަނީ މި އަހަރުގެ ގައުމީ ލީގުންވެސް ޖާގަ ލިބިގެންގޮސްފައެވެ.

މި އަހަރުގެ އެސޯސިއޭޝަން ކަޕް އަންނަ މަހު ފެށުމަށް ތާވަލުކުރެވިފައިވާއިރު، އެސޯސިއޭޝަން ކަޕުގެ ގަވާއިދަށް ވަނީ ބޮޑު ބަދަލެއް ގެނެވިފައެވެ. އެގޮތުން ކުރިން ކޮންމެ ޓީމަކު ބިދޭސީ ދެ ކުޅުންތެރިން ހިމެނުނު ނަމަވެސް، މި އަހަރު ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފައެވެ. އެކަމަކު އެއީ ވީއޭއެމުން އެކުލަވާލައިފައިވާ ޕޫލުގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހެއެވެ. ވީއޭއެމުން ވަނީ އިންޑިއާގެ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް އެސޯސިއޭޝަން ކަޕަށް އެކުލަވާލައިފައެވެ.