ޚަބަރު

މާފަންނު އާރޓިފިޝަލް ބީޗް ސަރަޙައްދުގެ ފަރު ސާފުކުރަނީ


މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރަމުންދާ އާރޓިފިޝަލް
ބީޗް ސަރަޙައްދުގެ ފަރު ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް
ހަމަޖައްސައިފިއެވެ.



ހައުސިންގ މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބްކަމަށްވާ، ހިޔާ
ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން މާދަމާ ކުރިއަށް ގެންދިއުމަށް
ހަމަޖެހިފައިވާ މިހަރަކާތުގައި މާލޭގެ ޑައިވް ސްކޫލުތަކާއި، ސަރުކާރުގެ ބައެއް
އިދާރާތައް އަދި އަމިއްލަ ކްލަބް ޖަމިއްޔާތައް ބައިވެރިވާނެކަމަށް ހިޔާ ކްލަބްއިން
މަޢުލޫމާތުދެއެވެ.



މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު
ދުވަހު ހެނދުނު 8:10 ގައިކަމަށް ހިޔާ ކްލަބްއިން މަޢުލޫމާތުދެއެވެ. އަދި
ހޮނިހިރުދުވަހުގެ އިރުއޮއްސި ހައެއް ޖަހަންދެން ފަރު ސާފުކުރުމުގެ ޕްރޮގްރާމް
ކުރިއަށްދާނޭކަމަށްވެސް އެ ކްލަބުން މަޢުލޫމާތުދެއެވެ.



ހުޅަނގު
ފަރާތުގައި ތަރައްޤީކުރާ އާޓީފިޝަލް ބީޗް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާއިރު،
މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.



މޫދަށް އެރޭ
ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ ސަރަހައްދުގެ
ލޮނުގަނޑު ޓެސްޓު ކުރެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ނިންމަވާފައެވެ. އަދި
މޫދަށް އެރޭ ސަރަޙައްދުގެ މެދުގައި ތައްޔާރުކުރާ ޕެވިލިއަންގެ މަސައްކަތް މިހާރު
ފައްޓަވާފައިވާއިރު، ބީޗް ހުޅުވާތާ މާގިނަ ދުވަހެއްނުވެ އެ ޕެވިލިއަންގެ
މަސައްކަތް އެއްކޮށް ނިމި ބޭނުން ކުރެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން
ވިދާޅުވެފައިވެއެވެ.



މީގެ އިތުރުން ބާބަކިއު ހަދާނެ ވަކި
ސަރަޚައްދެއްވެސް އެތަނުގައި ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން
ވިދާޅުވެއެވެ.