ޚަބަރު

ސްޓޫޑެންޓް ލޯނުގެ ކަންކަން ހަރުދަނާކުރުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރަނީ


މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި މިހާރުވެސް 9000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ އެކި ދާއިރާތަކުން ކިޔަވަމުންނެވެ. ދަރިވަރުންނަށް ލޯނު ދިނުމުގެ ކަންކަން އެއް އަހަރުން އަނެއްއަހަރަށް ހަރުދަނާ ކުރަމުން އަންނައިރު ލޯނު ދެއްކުމަށް ލުއިފަސޭހަ ކޮށްދީ އިދާރީ ފީވެސް މިހާރު މިވަނީ 3 އިންސައްތައިން 1 އިންސައްތައަށް ކުޑަކޮށްދީފައެވެ.

ސްޑޫޓެންޑް ލޯނުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޒަބީހް ވިދާޅުވީ ލޯނުގެ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޓްރަސްޓް ފަންޑެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން މި ޓްރަސްޓް ފަންޑު ޤާއިމް ކުރުމުގެ ސަބަބުން ލޯނު އަނބުރާ ދައްކާއިރު ލިބޭ ފައިސާ ހަރުދަނާކަމާއެކު ބެލެހެއްޓުމާއި އިތުރު ދަރިވަރުންނަށްވެސް ލޯނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް ޒަބީހް ވިދާޅުވިއެވެ. ޒަބީހް ވިދާޅުވީ މަތީ ތަޢުލީމް ހާސިލް ކުރުމަށް ދަރިވަރުން ނަގާފައިވާ ފައިސާ ކުރިއާ އަޅާބަލާއިރު ދަރިވަރުން ދައްކަމުން އަންނަކަމަށެވެ. އަދި ފައިސާ ދެއްކުމުގައިވެސް ފަރުދީ ޒިންމާ އަދާކޮށް ޤަވާއިދުން ފައިސާ ދެއްކުމަށް ޒަބީހް އެދިވަޑައިގަތެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފައިސާގެ ކަންކަން ބެލެހެއްޓުމަށް ޓްރަސްޓް ފަންޑެއް ޤާއިމް ކުރާއިރު މިއަށް ހަމައެކަނި ޖަމާކުރަނީ ލޯނުގެ ގޮތުގައި ދަރިވަރުން ނަގާފައިވާ ފައިސާ އެކަންޏެއް ނޫނެވެ. މިގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވައިފިނަމަ ކުރުވާ ޖޫރިމަނާގެ ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މި ފަންޑަށެވެ. މީގެ އިތުރަށް މަތީ ތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ދިނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ޤާނޫނުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާގެ ފައިސާވެސް ޖަމާކުރުމަށް ހަމަޖެހިފައިވަނީ މި ޓްރަސްޓް ފަންޑަށެވެ.

ސަރުކާރުން މަތީ ތަޢޫލީމްގެ އެތަކެއް ފުރުޞަތުތަކެއް ފަހިކޮށްދެމުން އަންނައިރު މީގެ ތެރޭގައި ސްކޮލަރޝިޕްތަކާއި ލޯނުގެ ފުރުޞަތުތަކާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަހަރުވެސް 300 އަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ލިބިފައިވެއެވެ. އަދި 14000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ސަރުކާރުގެ ޚަރަދުގައި ޑިގްރީއަށް ކިޔަވަމުންނެވެ. ތަޢުލީމްގެ މިފަދަ ފުރުޞަތުތައް ސަރުކާރުން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުގައި ކޮންމެހެން ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުމަށާއި ބޭރު މީހުން ތިބި މަޤާމުތަކަށް ދިވެހިނަށް ފުރުޞަތުތައް ދިނުމެވެ. މިގޮތުން މިހާރުވެސް މާލޭގެ އިތުރަށް އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލްޖެތައް އެޅުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.