ޚަބަރު

އީގަލް 2016 އެކްސަސައިޒްގައި ރާއްޖޭގެ އަސްކަރިއްޔާ ބައިވެރިވެއްޖެ


ދިވެހިރާއްޖެ،
ޕާކިސްތާން އަދި ސްރީލަންކާގެ އަސްކަރިއްޔާތައް ގުޅިގެން ހިންގާ އެކްސަސައިޒް
"އީގަލް 2016" ޕާކިސްތާނުގައި ފަށައިފިއެވެ.



މި އެކްސަސައިޒް ފެށުމުގެ
ގޮތުން ޕާކިސްތާނުގެ ކައުންޓަރ ޓެރެރިޒަމް ޓްރޭނިންގ ސްކޫލުގައި ބޭއްވި ޚާއްޞަ
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕާކިސްތާން ސްޕެޝަލް ސަރވިސަސް ގުރޫޕުގެ
ޖެނެރަލް އޮފިސަރ ކޮމާންޑިންގ މޭޖަރ ޖެނެރަލް ތާހިރް މަސްއޫދު ބުއްޓާއެވެ.
މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެކްސަސައިޒްގެ ބައިވެރިންނާ މުޚާތަބު
ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.



މިރަސްމިއްޔާތުގައި ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި
ހުންނަވާ ޑިފެންސް އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް ޙުސެއިން އިބްރާހީމާއި
އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިންގެ ކޮންޓިންޖެންޓްގެ ކޮމާންޑަރ މޭޖަރ
މުޙައްމަދު ނާޒިމްގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ އެމްއެންޑީއެފްގެ
ސިފައިން ބައިވެރިވެފައިވެއެވެ.



މި އެކްސަސައިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 22 އިން
ފެބްރުއަރީ 5 އަށް ޕާކިސްތާނުގެ ކައުންޓަރ ޓެރެރިޒަމް ޓްރޭނިންގ ސްކޫލުގައެވެ.
ޕާކިސްތާނުގައި ކުރިއަށްދާ އެކްސަސައިޒް އީގަލް އަކީ ދިވެހިރާއްޖެއާއި
ޕާކިސްތާނާއި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ހިންގާ ކައުންޓަރ ޓެރެރިޒަމް
އެކްސަސައިޒެކެވެ.



މި އެކްސަސައިޒަކީ މި ތިން ޤައުމު ގުޅިގެން އެއްގަމު ސިފައިންނަށް
ޚާއްޞަކޮށްގެން ބާއްވާ ފުރަތަމަ އެކްސަސައިޒެވެ.